އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންތިޒާމު ކޮށްފައި ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅަށް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
އިއްޔެގެ އިންތިހާބުގެ ކަންކަންމާ ގުޅިގެން އިންތިހާބުގެ އޮބްޒަވޭޝަންގެ އިބްތިދާއީ ހޯދުންތަކުގެ މައްޗަށް ޓްރާންސްޕޭރެންސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރެންޑަމް ސާމްޕަލްގެ ތެރެއިން ނަގާފައިވާ 311 ވޯޓު ފޮއްޓެއް ކައިރީގައި އެ ޖަމިއްޔާގެ އޮފިޝަލުން ހަރަކާތްތެރި ވެފައިވާ ކަމަށާއި އެ އަދަދަކީ މި އިންތިހާބުގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގެ 56.86 ޕަސެންޓް ކަމަށެވެ.
ޓްރާންސްޕޭރެންސީ އިން ބުނީ ވޯޓު ފޮށިތައް ހުޅުވުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ އަމާންކަމާއެކީ ކަމަށާއި ވޯޓު ފޮށިތައް ހުޅުވަން ކަނޑައަޅާފައިވާ ރަސްމީ ގަޑިން ފެށިގެން 10 މިނެޓު ތެރޭގައި 85.4 ޕަސެންޓް ވޯޓު ފޮށިތައް ހުޅުވާފައިވާ ކަމަށެވެ. އަދި ހުރިހާ ވޯޓުލާ މަރުކަޒުތަކެއްގައިހެން އީސީގެ އޮފިޝަލުން ހާޒިރުވެ ތިބިކަން ފާޙަގަކުރަމުން ޓްރާންސްޕޭރެންސީ އިން ބުނީ ހުރިހާ މަރުކަޒެއްގައިވެސް ވޯޓުލުމަށް ބޭނުންވާ ހުރިހާ ސާމާނު ހަމައަށް ހުރި ކަމަށާއި ވޯޓުލާ މަރުކަޒުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުން ރަނގަޅު މިންވަރަކަށް ތަމްސީލުކޮށްފައިވާ ކަމަށެވެ.
ނިޒާމީ ލެވެލްއެއްގައި ވޯޓު އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ވޯޓު ކަރުދާސްތައް ގުނައި ސައްހަ ނަތީޖާއެއް އިއުލާނު ކުރުމަށް ހުރަސްއެޅިދާނެ ފަދަ މައްސަލަތަކެއް ކުރިމަތިވެފައި ނުވާ ކަމަށާއި އިންތިހާބު ދުވަހުގެ މަރުހަލާތައް ޖުމްލަކޮށް ރަނގަޅަށް ދިޔަނަމަވެސް ބައެއް މައްސަލަތައް ފާހަގަވެފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ޓްރާންސްޕޭރެންސީ އިން ބުނީ ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ފަރާތުން ގައުމީ ލަފާދޭ ކޮމިޓީގައި އެދުނު އެދުމުގެ މަތިން މި އަހަރުގެ ރިޔާސީ އިންތިހާބުގައިި ވޯޓުލާ މަރުކަޒުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހާ ބޫތު ހުންނަގޮތް މި މަހުގެ 5 ވަނަ ދުވަހު ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އިންތިހާބުގައި ވޯޓުލާ ބޫތު ބަހައްޓާފައި ވަނީ ވޯޓުލާ މީހާ ކަރުދާހުގައި ފާހަގަ ޖަހަން ހުންނައިރު ވޯޓުލާ މީހާގެ ފަހަތް ފެންނަ ގޮތަށް ކަމަށާއި އެހެން ހެދުމުގެ ބޭނުމަކީ ވޯޓުލާ މީހާ ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި އިލެކްޝަން ކޮމިޝަނުން ދޫކޮށްފައިވާ ކަރުދާސް ނޫން ކަރުދާހެއް ބޭނުންކުރުން ފަދަ ކަންކަމަށް ހުރަސް އެޅުމަށް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.