އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ހޮވްރާ އާއި ގްވާލިއަރާ ދެމެދު ދަތުރު ކުރާ ޗަމްބަލް އެކްސްޕްރެސް އަށް އެރި ހަރުފަ ކުޅިވަރު ދައްކާ މީހުންނަށް ހިތް ފުރޭވަރަށް ލާރި ނުދިނުމުން ރޭލުތެރެއަށް ހަރުފަތައް ދޫކޮށްލި ހާދިސާއެއް ހިނގައިފިއެވެ.

އެމީހުން ރޭލަށް އެރި އިރު ރޭލުގެ ކޮމްޕާޓްމަންޓް ތައް އޮތީ މީހުން އަރާ ފުރިފައެވެ. އާދަވެގެން ހޮވްރާ އާއި ގްވާލިއަރާ ދެމެދުން ރޭލަށް އަރާ، ހަރުފަ ކުޅިވަރު ދައްކާ މީހުން ކޮމްޕާޓުމަންޓަށް ވަދެ އެމީހުންގެ ޖާދޫ ދައްކަން ފެށިއެވެ. ހަރުފަ ލައިގެން އެމީހުން ގެންގުޅޭ ގޮށި މަތި ހުޅުވާ ހަރުފަތައް ނެރުނެވެ. ހަރުފަ ކުޅިވަރު ކުޅޭ މީހުން، އެމީހުންގެ ޖާދޫ ދައްކާނީ ހަރުފަ ކޮންޓްރޯލް ކުރަން ގެންގުޅޭ ފުމޭ ދަނޑިން ފުމެ އަޑުލައްވަމުންނެވެ. އެ އަޑާ އެއްވަރަށް ހަރުފަތައް ނަށަމުން ދާނެއެވެ.

އެއި އިންޑިއާގެ އެކި ސަރަހައްދުތަކުގައި މަގުބޫލު ކުޅިވަރެއް ނަމަވެސް ހަރުފައިގެ ހަގީގަތް ނޭނގޭ ބަޔަކަށް އެއީ ބިރެއް ފަދަ ކަމެކެވެ. އެއީ ވިހަ ހަރުފައެއް ކަމެއް، ވިނަ ނުހުންނަ ހަރުފައެއް ކަމެއް ނޭނގޭނެއެވެ.

އެމީހުން ހަރުފައިގެ ކުޅިވަރު ދެއްކުމަށް ފަހު، ފައިސާ ދޭން އެދުމުން އެއްބަޔަކު ފައިސާ ދިން ނަމަވެސް އަނެއް ބަޔަކު ފައިސާއެއް ނުދެއެވެ. އެކަމާ އެމީހުން ހިތްހަމަ ނުޖެހު ދެބަސްވުމެއް ހިނގައި އެމީހުން ގެންގުޅުނު 4 ހަރުފަ ކޮމްޕާޓްމަންޓު ތެރެއަށް ދޫކޮށްލީއެވެ.

ގާތްގަނޑަކަށް ބައިގަޑިއެއް ހާއިރު މީހުންގެ ހަޅޭކާއި ހާސްކަމުގައި އެ ރޭލު ދަތުރު ކުރަމުން ދިޔައެވެ. އެއްބަޔަކު މަތީ އެނދުތަކަށް އަރަން މަސައްކަތް ކުރި އިރު އަނެއް ބަޔަކު ތިބީ އަރިއަރިމަތިން ހިފެން ހުންނަ ދަނގަޅުތަކުގައި އެލިގަނެގެންނެވެ. ހަރުފަތައް ފައިދޮށުގައި ދުވަނީއެވެ.

ގަޑިއެއްހާއިރު ފަހުން، އެމީހުން ހަރުފަތައް ހިފައިގެން ރޭލުން ފައިބައިގެން ދިޔަފަހުން ރޭލު އޮފިޝަލުން މައްސަލަބަލަން ފެށިއެވެ. އަދި ކޮމްޕާޓުމަންޓު އެފުއް މިފުށަށް ޖަހާ ބަލާ ހެދުމަށް ފަހު ނިންމީ ހުރިހާ ހަރުފައެއް އެމީހުން ގެންދިޔަ ކަމަށެވެ.

މި މައްސަލަ ކަމާބެހޭ އިދާރާތަކުން މިހާރު ބަލަން ފަށާފައި ވާ އިރު އެކަން ކުރި މީހުން ހޯދާ ހައްޔަރު ކުރާނެ ކަމަށް ބުނެފައި ވެއެވެ.