އިއްޔެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި 56 ޕަސެންޓުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ ޖެއްސެވުނު ހިސާބު ގޯސް ވެއްޖެ ކަމަށާއި ކުރަންވީ ކަންކަން މިހާރު ސާފުވެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒުގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ އިންތިހާބު ފައްޓަވަނީވެސް 130،000 ވޯޓާއެކުގައި ކަމަށާއި، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބަލި ކުރައްވާނީ 8-10 ޕަސެންޓާ ދެމެދުގެ ބޮޑު ފަރަގަކުން ފަހަތަށް ޖައްސަވާފައި ކަމަށެވެ.

ނަމަވެސް އިއްޔެ ނިމިދިޔަ އިްނތިހާބުގެ ނަތީޖާތައް ހާމަވި އިރު އެކަން އޮތީ ދިމާ އިދިކޮޅަށެވެ. 15 ހާސް ވޯޓުގެ ތަފާތާއެކު ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޑީޕީން އަދި ފައްޔާޒު އިސްމާއީލް އާއި ޓީމުން ޖެހި ހިސާބު ހާމަ ކުރައްވާފައި ނުވި ނަމަވެސް 'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން އެމްޑީޕީން ހިސާބު ޖެހީ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ޔަގީންވެފައި އޮތް 49.7 ޕަސެންޓާއި، ވޯޓު ދީފާނެ ކަމަށް ބެލެވޭ 7 ޕަސެންޓާއި، ވޯޓު ދޭނެ ކަމަށް ބުނެފައި އޮތް 14 ޕަސެންޓް ލައިގެންނެވެ. އަދި އެ ހިސާބުގައި ރައީސް ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބުނެފައި އޮތީ 22 ޕަސެންޓް މީހުންނެވެ.

މި ސާމްޕަލް އަކީ ގާތްގަނޑަކަށް 50،000 މީހުންނާ ފޯނުން ސުވާލުކޮށްގެން ތައްޔާރު ކޮށްފައި އޮތް ސާމްޕަލަކަށް ވާއިރު، ފޯނުން ޖަވާބު ދޭ މީހާ ދެނީ ސާފު ތެދު ޖަވާބުތޯ ދެގެނަތް ގޮތެއް ސާފެއް ނުވެއެވެ.

މިއަދު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން.#IbuAslam2023" ކަމަށެވެ.

އިއްޔެ ނިމުނު ރިޔާސީ އިންތިހާބުގައި ބެހެއްޓި ހުރިހާ ފޮއްޓެއް ގުނާ ވަގުތީ ނަތީޖާ މިހާރު އިއުލާން ކޮށްފައި ވާއިރު އިންތިހާބުގައި 101،180 ވޯޓާއެކު ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެއީ ވޯޓުލީ މީހުންގެ 46.02 ޕަސެންޓެވެ. އިންތިހާބުގެ ދެވަނަ ލިބިވަޑައިގަތީ 85،935 ވޯޓާއެކު ރައީސް ސޯލިހުއަށެވެ. ޕަސެންޓުން ބަލާނަމަ އެއީ 39.09 ޕަސެންޓެވެ.

ރައީސްގެ ކެމްޕެއިން އޮފީސް ސަރަހައްދުން ރޭ ނޫސްވެރިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ބަޔަކާ ގުޅެން ޖެހޭ ކަމަށެވެ. ނޫސްވެރިން އެމަނިކުފާނާ ކުރިމަތި ކުރި ސުވާލަކީ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނަންތޯ އަހާ ކުރި ސުވާލެކެވެ.

އަދި ޕީޕީއެމް އިންވެސް ކޯލިޝަން ހެދުމުގެ މަސައްކަތް ކުރާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި މިއަދު އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ އުންމީދު ކުރެއްވި ނަތީޖާތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވަނީ ކުރިން ވިސްނިވަޑައިގެންފައި ނުވާ ކަންތައްތަކެއް އިންތިހާބުގައި ހިނގައި ގޮސްފައިވާ ކަމަށެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައި ވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއްވިއިރު މީގެ ކުރިން "ކިންގް މޭކާ"ގެ ލަގަބު ހޯއްދަވަމުން ދިޔަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައި ވަނީ 5610 ވޯޓާއެކު ފަސްވަނައެވެ. ތިންވަނަ އާއެކު ކިންގް މޭކާގެ ލަގަބު މިފަހަރު ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. 6324 ވޯޓާއެކު ހަތަރު ވަނަ ލިބިވަޑައިގަތީ އަމިއްލަ ގޮތުން އިންތިހާބުގައި ކުރިމަތިލެއްވި އުމަރު ނަސީރެވެ.

ރައީސް ސޯލިހް އަދި މުއިއްޒު ވެސް ވަނީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.