ހިނގަމުން މިދާ 5 އަހަރަށް ވުރެ އަންނަ 5 އަހަރުގައި ހަރުކަށި ފިކުރަށް ޖާގަދިނުން ބޮޑުވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ސާފު އަޣުލަބިއްޔަތު ނުލި 2 ވަނަ ބުރަކަށް ދާން ޖެހިފައި ވާ އިރު ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް، މި 5 އަހަރަށް ވުރެ އަންނަ 5 އަހަރުގައި ހަރުކަށި ފިކުރަށް ޖާގަ ދިނުން ވަކި ބޮޑުވެދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ނަޝީދު އެ އިޝާރާތް ކުރައްވަނީ، މެއި 6 ގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ދިނީ ހިނގަމުން މިދާ ސަރުކާރުގައި ކަމުންނާއި މިސަރުކާރާ ގާތް ގުޅުންތައް ބާއްވާ ބައެއް ދީނީ އިލްމުވެރިންނާ މެދު ނަޝީދު ފެކްޝަނުން ކިޔަމުން ދާ ފާޑުކިޔުންތަކާ ގުޅުވާ ކަމަށް ގަބޫލު ކުރެވެއެވެ. ހަމަ އެހެންމެ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ، ހަރުކަށި ފިކުރުގެ އިލްމުވެރިންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް މި ސަރުކާރުގެ އެކިއެކި ބޭފުޅުން ކުރައްވާ ތުހުމަތުތަކާވެސް ގުޅުވާ ކަމަށް ގަބޫލު ކުރެވެއވެ.

އިއްޔެ ނިމިދިޔަ އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު، ދެވަނަ ބުރެއްގައި ރައީސް ސޯލިހަށް ކާމިޔާބު ވުމުގެ ކުޑަވެސް އުއްމީދެއް ފެންނަން އޮތީ، ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އަދި އިއްޔެ 3 ވަނަ ހޯދި 'ދަ ޑިމޮކްރެޓްސް' ގެ ތާއީދު ލިބިވަޑައިގެންނެވެ. މުއިއްޒު އާއި ރައީސް ސޯލިހާ ދެމެދު 15 ހާސް ވޯޓުގެ ތަފާތު އޮތް އިރު އިއްޔެގެ އިންތިހާބުން އިލްޔާސް ލަބީބު ހޯއްދެވި އަދަދުވެސް 15 ހާހަށް އަރައެވެ.

ނަމަވެސް ރައީސް ނަޝީދު އިޝާރާތް ކުރައްވައި މައްސަލަ އާ އެކު، 2 ވަނަ ބުރެއްގައި އެމަނިކުފާނު ތާއިދު ކުރައްވާނީ ޑރ. މުއިއްޒަށް ކަމަށް ގަބޫލު ކުރެވެއެވެ.