މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު އަދި 1 ވޯޓު ނުލިބި 2 ވަނަ ބުރަކަށް ދާންޖެހޭނެކަން ޔަގީން ވެއްޖެއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރައްވާފައި ވާއިރު އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ލިބިފައެއް ނުވެއެވެ.

މިހާތަނަށް ވޯޓުގެ ނަތީޖާ ދައްކާގޮތުން އެންމެ ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

އެގޮތުން ބަލާއިރު މުއިއްޒުއަށް 71،009 (44.5 ޕަސެންޓު) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު ރައީސް ސޯލިހްއަށް ލިބިވަޑައިގެންފައި ވަނީ 62،576 (39.4 ޕަސެންޓު) ވޯޓެވެ. މި ދެ ކެންޑިޑޭޓުންނާ ކައިރިނއ ވާދަ ކުރެވޭ އެހެން ކެންޑިޑޭޓެއް ނެތް އިރު 3 ވަނައިގައި އޮތީ 9،904 (6.5 ޕަސެންޓު) ވޯޓާއެކު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބެވެ.

ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައި ވާއިރު މިހާތަނަށް ވަނީ 426 ވޯޓު ފޮށީގެ ވޯޓު ގުނާ ނަތީޖާ އިއުލާނު ކޮށްފައެވެ. އެހެންކަމުން ދެން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވެ.

ރައީސް ސޯލިހް އަދި މުއިއްޒު ވެސް ވަނީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.