ވޯޓު ގުނުމުގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ވިލިމާލޭގައި ހަމަނުޖެހުމެއް ހިނގައިފިއެވެ.

އެ ހަމަނުޖެހުން ހިނގާފައިވަނީ ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި ބަހައްޓާފައިވާ ވިލިމާލެ ދާއިރާގެ 3 ވަނަ ނަންބަރު ފޮށި ކައިރީގައެވެ. އެކަން ހިނގާފައިވަނީ އެ ފޮށީގެ ބާތިލް ވޯޓަކާ ގުޅިގެން ކަމަށް ވާއިރު އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ވަނީ އެތަނުގައި ހަރަކާތްތެރި ވެފައެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލްކޮށް މިހާރު އެ ފޮށީގެ ވޯޓު ގުނުން ވަނީ ފަށާފައެވެ.

މިއަދުގެ ރިޔާސީ އިންތިހާބު ކުރިއަށް ދިޔައިރު މާ ބޮޑު ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ބ. ތުޅާދޫގައި ވޯޓުލުމަށް ބޭނުންކުރި ގަލަމުން ފޮޓޯ ނެގި މައްސަލަ ހޫނުވެ އެ މައްސަލަ ވަނީ އީސީއަށްވެސް ހުށަހަޅާފައެވެ.

ހަވީރު 4 ޖެހުމާއެކު ކިއު ބަންދުކުރި ފަހުން ކިއުއަށް އަރަން މަސައްކަތްކޮށް، ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު އޭގެ ތެރޭގައި އައްޑޫ ސިޓީގެ މީދޫގައި ހުންނަ ސ އަތޮޅު ސްކޫލުގައި ވަނީ މިފަދަ ހަމަ ނުޖެހުމެއް ހިނގާފައެވެ.

އޭގެ އިތުރުން ކިއުއަށް އަރަން މަސައްކަތްކޮށް، ދަރުމަވަންތަ ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ސްކޫލުގައިވެސް ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ.