އައްޑޫ ސިޓީގައި ކިއު ބަންދުކުރި ފަހުން ވޯޓުލުމަށް މަސައްކަތްކޮށް ހަމަނުޖެހުން ހިންގައިފިއެވެ.

އައްޑޫ ސިޓީގައި ހުރި "ދަ ޕްރެސް"ގެ ނޫސްވެރިޔާ ބުނީ އެ ހަމަނުޖެހުން ހިނގާފައިވަނީ އައްޑޫ ސިޓީގެ މީދޫގައި ހުންނަ ސ އަތޮޅު ސްކޫލުގައި ބެހެެއްޓި ވޯޓު ފޮއްޓެއްގެ ކިއު ބަންދުކުރި ފަހުން ކަމަށެވެ.

އެ ހާދިސާ ހިނގިގޮތް ކިޔައިދެމުން އޭނާ ބުނީ 4 ޖެހުމަށްފަހު ވޯޓުލުމަށްޓަކައި ހަދާފައިވާ ކިއު ބަންދުކުރި ފަހުން ވޯޓުލާން މަސައްކަތްކޮށްފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށާއި އޭނާ ނެރުމަށް ޕީޕީއެމްގެ އެކްޓިވިސްޓުން މަސްކަތް ކުރި ކަމަށެވެ.

މިހާރު އެ ސަރަހައްދުން އެ މީހުން ދުރުކޮށް އެ ސްކޫލުގެ ގޭޓުގެ ތަޅު ވަނީ އަޅުވާފައެވެ.

މިއަދު މި ބާއްވާ ރިޔާސީ އިންތިހާބުގައި ހަމަނުޖެހުންތަކެއް ހިނގާފައި ނުވި ނަމަވެސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ބ. ތުޅާދޫގައި ވޯޓުލުމަށް ބޭނުންކުރި ގަލަމުން ފޮޓޯ ނެގި މައްސަލަ ހޫނުވެ އެ މައްސަލަ ވަނީ އީސީއަށްވެސް ހުށަހަޅާފައެވެ.