އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް ރިޔާސީ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.

ޒަމީލު ވޯޓުލެއްވީ އަހުމަދިއްޔާ ސްކޫލުގައު ބަހައްޓާފައި ހުރި ވޯޓު ފޮށްޓަކަށެވެ.

ޒަމީލްގެ އިތުރުން މިހާތަނަށް، އެމްޑީޕީގެ ކެންޑީޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް އަދި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ ވޯޓު ލައްވާފައެވެ. މިހާރު ކެންޑިޑޭޓުންގެ ތެރެއިން ވޯޓު ނުލައްވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.

މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ.

21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވަނީ ހަ ފޮއްޓެވެ. ވިލިމާލޭގައި ހަތް ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވާއިރު ހުޅުލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބެހެއްޓިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާޢި އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ހިމެނެއެވެ.