ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
ގާސިމް ވޯޓު ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައި ހުރި މާފަންނު ހުޅަނގު-1 ފޮއްޓަށެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން ވަޑައިގަންނަވަނީ މިއަދު 10-10:30 ދޭތެރޭގައެވެ. ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވޯޓު ލައްވަން 8030 ގައި ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް ވޯޓު ލައްވަން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 10 ޖަހާއިރުއެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވޯޓު ލެއްވުމަށް ހަމަޖެހިފައިވަނީ 10 ޖަހާއިރުއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވަނީ ހަ ފޮއްޓެވެ. ވިލިމާލޭގައި ހަތް ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވާއިރު ހުޅުލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބެހެއްޓިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާޢި އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ހިމެނެއެވެ.