ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް، ތަޖްރިބާގެ އަލީގައި ޔަގީންކަމާއެކު، ގައުމު ހަމަމަގަށް އަޅުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ހަމަޖެހިފައި ވާއިރު އިންތިހާބުގެ ކުރިން ފަހު ބަހެއްގެ ގޮތުގައި ގާސިމް ވިދާޅުވީ، މި ގައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި ކަމަށާއި ގައުމަށް އެކި އެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ގައުމު ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ގައުމު ދެކެ ހަގީގީ ލޯބިވާ ވެރިޔަކު އިންތިހާބު ކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ މި ގައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސިލްމާއި ސަލާމަތް ނެތިދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ.

ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން ސޮވަރިން ދަރަނި އިތުރުކޮށްފައިވާ ކަމަށާއި ދަރަނި ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ގާސިމް ފާހަގަ ކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު އަދަދެއް ދަރަނި އަދާކުރަން ދައްކަން ޖެހޭ ކަމަށެވެ. މިދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ގައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަވައްޓެރި ޝްރީލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއްނޫން ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ހާލަތު މިހެން އޮތް އިރު، ވެރިކަމުގައި ތިބި ފަރާތްތަކުން ގާނޫންއަސާސީއާއި ގާނޫންތަކާ ހިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުމީހާއަށް، އާސަންދަ ހަމަޖެހެނީ ވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުން ކަމަށާއި އެހެންކަމުން ކޮރަޕްޝަނާއި ހިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން މި ގައުމާއި، ރައްޔިތުން ސަލާމަތްކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ގާނޫން އަސާސީ އާ ހިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ސަރުކާރުން ގަސްދުގައި ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތް ކުރުމަށާއި، އަދުލުވެރިކަމާ އެކު އިންސާފު ގާއިމުކޮށް، ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވާ ރައްޔިތުންނަށާއި ގައުމަށް ލިބޭ ތަނަވަސްކަން އިތުރުކުރަން ޖެހޭ ކަމަށެވެ.

އެއާއެކު އެދިވަޑައިގަތީ ގައުމު ހަމަމަގަށް އެޅުވުމަށް، އޭނާއަށް (ކެނޑިޑޭޓް ނަންބަރު 5) އަށް ވޯޓުދިނުމަށެވެ.