ވޯޓު ދިނުމުގައި ނަޒާހަތްތެރި ވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިލްތިމާސް ކޮށްފިއެވެ.

އޭސީސީ އިން ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދާއިރު، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކެންޑީޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ސަމާލުވުމަށް އެދޭކަމަށެވެ.

އެގޮތުން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތަކުން ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށާއި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީ، އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަނޭޅުމަށް ވެސް އޭސީސީއިން ވަނީ އެދިފައެވެ.

އެސީސީއިން އިތުރަށް ބުނީ ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް ހުށަހަޅާ ރިޝްވަތާ ދެކޮޅު ހަދައި، އެފަދަ ހުށަހެޅުންތައް ގަބޫލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށާއި އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަ ކޮމިޝަނުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އޭސީސީ އިން ވަނީ ދީފައެވެ.