އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިިފިއެވެ.
2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި ބޭރު ފައިސާ ގަތުމަށް ދައުލަތުގެ އެކި ކުންފުނިތަކުން އެމްއެމްޕީއާރްސީ އަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރި މައްސަލައާއި، ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތުކުރި މައްސަލައިގައި, ހ. އާހަމަ, އަބްދުالله ޒިޔަތުގެ މައްޗަށް ތިން ދައުވާއެއް އުފުލާ ޖުމްލަ 12 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުމަށް ޕީޖީއާއެކު ވަނީ އެއްބަސްވެފައެވެ. އަދި އެ ދައުވާތައް ކުރުމަށް މި މަހުގެ 5 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ޕީޖީން ވަނީ މައްސަލަ ހުށަހަޅާފައެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، އެ ދައުވާތަކަށް އެއްބަސްވުމަށްޓަކައި ޒިޔަތާ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ދައުވާއަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވަން އެއްބަސްވެފައިވާ ކަމަށާއި އެހިޔާނާތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި ޒިޔަތު އެހީތެރިކަން ދޭން އެއްބަސްވެފައިވާ ކަމަށް ވެސް ދައުލަތުން ބުނެއެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ޒިޔަތާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެ ދައުވާތަކަށް އެއްބަސްވާ ކަމަށާއި އަދި އިއުތިރާފް އެއްބަސްވުމަކީ ވެސް ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދި ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ޒިހުނީ ވިދާޅުވީ ޒިޔަތުގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަމަށާއި އިއުތިރާފްގެ އެއްބަސްވުން ވެސް ސައްހަ ކަމަށް ނިންމަވާ ކަމަށެވެ. އަދި އޭނާގެ އިއުތިރާފުން އެ ކުށް ސާބިތުވާތީ އޭނާ 12 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޒިޔަތު މިވަގުތު އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިޔާނާތުގެ ކުށް ސާބިތު ވެގެންނެވެ. ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަނީ ގޭ ބަންދުގައެވެ.