ބ. ކަމަދޫ އަދި އދ. ދަނގެތީގައި 2 މަޝްރޫއެއް ހިންގުމަށް ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.
ކަމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރަށް ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 50 މީޓަރުގެ 15 ބޮޑުހިލަ ބްރޭކްވޯޓާ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް 24.5 މިލިއަން ރުފިޔާއަށެވެ.
ދަނގެތީ ބަނދަރު ބޮޑުކުރުމާއި އިންޑަސްޓްރިއަލް ޒޯންއަށް ބިންހިއްކުމުގެ އިތުރުން އެސަރަހައްދަށް ދޯނި ގާތްކުރެވޭ ގޮތް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 76.9 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެ މަޝްރޫއުގެ ދަށުން އިންޑަސްޓްރިއަލް ޒޯންއަށް ބޭނުންވާ ބިން ހިއްކުން، 35,500.00 ކިއުބިކް މީޓަރު ބަނދަރު ފުން ކުރުން، 48,000 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.0- މީޓަރ ހަމަވާ ވަރަށް) އާ ބަނދަރު ފުން ކުރުން އަދި 21,500 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5 މީޓަރު ހަމަވާ ވަރަށް) ނެރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން 33,600 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4.0 މީޓަރ ހަމަވާ ވަރަށް) މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި 7,800 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 2.5 މީޓަރ ހަމަވާ ވަރަށް) ސޭންޑްފިލް ބްރޭކްވޯޓާ ހެދުމުގެ އިތުރުން 623 ސޭންޑްފިލް ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު މި މަޝްރޫއުގެ 170 މީޓަރު ސޭންޑްފިލް ކީވޯލް، 43 މީޓަރު ރިވެޓްމެންޓް ޖެހުން، 219 މީޓަރު އެއްގަމު ތޮށި ޖެހުން، 389 މީޓަރު ސްކޯރިން އެޕްރޮން ޖެހުން، 08 މޫރިން ބޮއި ހަރުކުރުން، އަދި 11x11 މީޓަރު ރޭންޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެކްސެސް ޕްލެޓްފޯމް އެޅުމާއި 35x6 މީޓަރު ކޮންކްރީޓް ބްރިޖް ހެދުމާއި 19 މަގު ބައްތި ހަރުކޮށް 2 ނެރު ބައްތި ޖެހުމާއެކު 3,052 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ.
މި 2 ކޮންޓްރެކްޓްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ.