މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލީޓުން ބައިވެރިވެ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން 10 މިނެޓަށް ހަވާ އަރުވަން އެމްއެންޑީއެފުން ނިންމައިފިއެވެ.

މަޑަގަސްކަރާގައި މިދިޔަ މަހުގެ 25 އިން ފެށިގެން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ބޭއްވި މި އަހަރުގެ އައިއޯއައިޖީގައި 176 ދިވެހި އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ރާއްޖޭން ވާދަކުރި ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިހާއި ބެޑްމިންޓަނާއި ބާސްކެޓް ބޯޅަ އާއި ފެތުމާއި ޓައެކެވޮންޑޯ ހިމެނެއެވެ.

އައިއޯއައިޖީގައި ރާއްޖޭން ހޯދި ބައެއް ކާމިޔާބީ:

  • ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސް އިވެންޓުން ފާތިމަތު ދީމާ އަލީ ރަން މެޑަލް، އަދި މަރިޔަމް ރަފާ ނާޒިމް ރިހި މެޑަލް ހާސިލްކުރުން
  • ޓޭބަލް ޓެނިހުގެ ފިރިހެން ސިންގަލްސް އިވެންޓުން މުހައްމަދު ޝައްފާން އިސްމާއީލް ރިހި މެޑަލް ހާސިލްކުރުން
  • ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އަބްދުއްރައްޒާގާއި ނަބީހާ އަބްދުއްރައްޒާގު ރަން މެޑަލް ހާސިލްކުރުން
  • ޓްރެކް އެންޑް ފީލްޑުގައި އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހާސިލްކުރުން

އެހެންކަމުން އާދީއްތަ ދުވަހު އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، އައިއޯއައިޖީގައި ދިވެހި އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އަރުވައި، ކުލަގަދަ މަރުހަބާ އެއް ކިޔުމަށް ސަރުކާރުން ތައްޔާރުވަމުން ދާ ކަމަށެވެ. ރައްޔިތުންގެ ކިބައިން މަހްލޫފް އެދިވަޑައިގަތީ ދިވެހި އެތުލީޓުންގެ ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިއުމަށް މިރޭ 9 ޖަހާއިރު ޖުމްހޫރީ މައިދާން ފުރާލުމަށެވެ.

އެމްއެންޑީއެފުން ބުނީ، އައިއޯއައިޖީގައި ދިވެހި އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 9 ޖަހާއިރު މާލޭގެ އިއްޒުއްދީން ފާލަން ހުންނަ ސަރަހައްދުގައި 10 މިނެޓަށް ހަވާ އެރުވުން އޮންނާނެ ކަމަށެވެ.

1979 ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ އައިއޯއައިޖީގައި ރާއްޖެ ހިމެނޭހެން ހަތް ގައުމެއް ވާދަކުރެއެވެ. 27 ރިހި މެޑައްޔާއި 26 ރިހި މެޑައްޔާއި 12 ރަން މެޑައްޔާ އެކު، މި އަހަރުގެ މުބާރާތުގައި ރާއްޖެ އަށް ވަނީ ޖުމްލަ 55 މެޑައްޔެއް ލިބިފައެވެ.