މި ދުވަސްވަރު ފެތުރެމުން ދާ ރޯގާގައި ކުޑަކުދިންގެ ހާލު ސީރިއަސްވާ ކަމަށާއި ކުޑަކުއްޖަކަށް ވެންޓިލޭޓަރުގައި މިހާރު ފަރުވާދެމުން ދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު މިފެތުރޭ ރޯގާގައި ގިނައީ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ކިޔާ ވައިރަހެއް ކަމަށާއި މި ރޯޯގާގައި ހާލު ސީރިއަސްވާ ކުޑަކުދިން ގިނަ ކަމަށެވެ. މި ރޯގާ ޖެހިގެން ހާއްސަކޮށް ބޮޑުވަރުވާ ކުދިންގެ ތެރޭގައި އެންމެ ތުއްތު ކުދިންނާއި، ހިތުގެ ބަލިތައް ހުންނަ ކުދިންނާއި، ޑައުންސިންޑްރޯމް ފަދަ އިތުރު ބަލިތައް ހުންނަ ކުދިން ފާހަގަ ކުރެވޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިވަގުތު އެއް ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށާއި އެހެން ކުއްޖަކަށް ވެސް އައިސީޔޫގައި ފަރުވާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރޯގާގެ އަލާމާތްތައް:

  • ނޭފަތުން ފެން އައުން
  • ކާ ހިތް ނުވުން
  • ކެއްސުން
  • ކިނބިހި އެޅުން
  • ހުން އައުން
  • ނޭވާ ލާ އިރު ވީޒް އަޑު ކިޔުން

އާރްއެސްވީ އިން ތިމާ އާއި އެހެން މީހުން ރައްކާތެރިކުރާނެ ގޮތް:

  • ރޯގާ ފަދަ އަލާމާތެއް ފެނިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަމައްޗާއި ނޭފަތް ނިވާކުރުން
  • މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮވުން
  • ބޮސްދިނުމާއި ސަލާމް ކުރުމާއި ތަށިތައް ހިއްސާކުރުމާއި އެއްތަށިން ކެއުން ފަދަ ކަންކަމުން ދުރުހެލިވުން
  • ގިނަގިނައިން އަތްލާ ތަންތަން ކަމަށްވާ ދޮރާށިތަކާއި މޮބައިލް ޑިވައިސްތައް ސާފުކުރުން

އާންމުގޮތެއްގައި އާރްއެސްވީ ޖެހިފައިވާ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ 4 ދުވަހާއި 6 ދުވަސް ތެރޭގައެވެ.

އާރްއެސްވީ އަކީ އާންމުކޮށް ނޭވާލާ ނިޒާމުގެ ވައިރަހެކެވެ. ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި ގިނަ މީހުން ރަނގަޅުވި ނަމަވެސް އާރްއެސްވީ ސީރިއަސް ވެދާނެ ކަަމަށް ސިއްހީ މާހިރުން ބުނެއެވެ. ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އާރްއެސްވީ ޖެހިގެން ބޮޑު ވަރުވުމުގެ ފުރުސަތު އޮންނަ ކަމަށާއި އެ ހާލަތުގައި ބަލިމީހާ ނުވަތަ ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ހާލަތަށް ދެއެވެ.

މި ދުވަސްވަރު މާލޭގައި ގިނަ ބަޔަކު ރޯގާ ޖެހި ހުން އައިސް ބަލިވާ ކަން ވަނީ ފާހަގަ ވެފައެވެ. އެ ގޮތުން ހޮސްޕިޓަލް ތަކަށް މިދުވަސްވަރު ޑޮކްޓަރަށް ދައްކަން ދާ މީހުން އިތުރުވެފައިވާ އިރު، ކުޑަކުދިންނަށް މި ބަލިން ބޮޑުވަރުވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.