މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން މަސް ގަން މިންވަރާއި އެކްސްޕޯޓް ކުރި މިންވަރު އިތުރުވެ މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން އިތުރުކުރި ގްރޮސް ވެލިއުއަށް ބަލާ އިރު، އެ އަދަދު ވަނީ އަހަރަކު 7.3 ޕަސެންޓް އިތުރުވެފައި ކަމަށާއި ޕެންޑެމިކްގެ ކުރިން 2019 ވަނަ އަހަރާ އަޅާ ބަލާއިރު 25.1 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި މަސް ގަތް އަދަދު ވަނީ 19،518.6 މެޓްރިކް ޓަނަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު، 9 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބު ހާމަ ކުރަމުން އެމްއެމްއޭ އިން ބުނީ، ސްކިޕްޖެކް ޓޫނާ ގަންނަ މިންވަރު ވަނީ 9 ޕަސެންޓް އިތުރުވެފައި ކަމަށާއި ޔެލޯފިން ޓޫނާ ގަންނަ މިންވަރު ވެސް ވަނީ 9 ޕަސެންޓް އިތުރުވެފައި ކަމަށެވެ.

މިދިޔަ ކުއާޓަރުގައި ލޯކަލް މާރުކޭޓުން ގަތް މަހުގެ އެވްރެޖް އަގަށް ބަލާ އިރު، ސްކިޕްޖެކް ޓޫނާ އަދި އައިސްޑް ސްކިޕްޖެކް ޓޫނާ ކިލޯއެއް އެވްރެޖްކޮށް ގަންނަ އަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ސްކިޕްޖެކް ޓޫނާ އުޅެނީ ކިލޯއެއް 15 ރުފިޔާއަށް އަދި އައިސްޑް ސްކިޕްޖެކް ޓޫނާ ކިލޯއެއް އުޅެނީ 17 ރުފިޔާގެ މަގުންނެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި ދިވެހި ކުންފުނިތަކުން ވިއްކާ މަހުގެ އެވްރެޖް އަގަށް ބަލާއިރު، ޔެލޯފިން ޓޫނާ ކިލޯއެއްގެ އަގު ވަނީ 65.8 ރުފިޔާ ދަށަށް ގޮސްފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެ އަގު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 90.8 ރުފިޔާއަށް ދަށްވެފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ރާއްޖެއިން މަސް އެކްޕޯޓް ކުރި މިންވަރު އިތުރުވެ ލިބުނު ކުރިއެރުމަށް ބަލާއިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާ، މިދިޔަ ކުއާޓަރުގައި މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ 26 ޕަސެންޓް އިތުރުވެފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެގޮތުން 5،107.5 މެޓްރިކް ޓަނު އިތުރުވެ ޖުމްލަ 24،924.3 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮށްފައެވެ.

މަހުގެ އެކްސްޕޯޓްގެ މިންވަރު އިތުރުވެފައި ވަނީ ކެނެޑޯ ޕައުޗަޑް ޓޫނާ އަދި ފްރޯޒަން ސްކިޕްޖެކް ޓޫނާ އެކްސްޕޯޓް ކުރި މިންވަރު އިތުރުވެގެން ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެގޮތުން މިދިޔަ ކުއާޓަރުގައި ކެނެޑޯ ޕައުޗަޑް ޓޫނާ އިން 132 ޕަސެންޓް (3،297.7 މެޓްރިކް ޓަނު) އަދި ފްރޯޒަން ސްކިޕްޖެކް ޓޫނާ 19 ޕަސެންޓް (2،677.1 މެޓްރިކް ޓަނު) އިތުރުވެފައި ވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މީގެ އިތުރުން ހިކިމަސް އެކްސްޕޯޓު ކުރި މިންވަރު 68 ޕަސެންޓް (68.0 މެޓްރިކް ޓަނު) އަށް އަރާފައިވީ ނަމަވެސް ފިނިކުރި ޔެލޯފިން ޓޫނާ އެކްސްޕޯޓު ކުރި މިންވަރު ވަނީ ދަށަށް ގޮސްފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.