ސައުދީގައި އޮންނަ ސަރުކާރަށް ފާޑުކިޔުން އަމާޒުވަ ގޮތަށް ޓްވީޓް ކުރި ކުރީގެ ޓީޗަރަކު މަރަން ހުކުމް ކޮށްފިއެވެ.
އުމުރުން 54 އަހަރުގެ މުހއްމަދު އަލް ޣަމްދީ މަރަން ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު އޭނާ ހައްޔަރުކޮށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތުވެސް ހަނިކޮށް ބޭއްވުމަށް ފަހު ކަމަށް އޭނާގެ ބޭބެ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތެއް ކަމަށް ވާ ހިއުމަން ރައިޓްސް ވޮޗުން ބުނެއެވެ.
ޣަމްދީގެ ބޭބެ ބުނީ ކޮރަޕްޝަނާއި ހައްގުތަކާ ގުޅުވާ އޭނާ ކުރީ 5 ޓްވީޓެއް ކަމަށާއި އެއީ ސުލްހަވެރި ޓްވީޓްތަކެއް ކަމަށެވެ. ނަމަވެސް ސައުދީގައި އޮންނަ ކައުންޓާޓެރަޒިމްގެ ގާނޫނުގެ 30، 34 އަދި 44 ވަނަ މާއްދާއާ ހަވާލާދީ ޣްމަދީ ކުށްވެރިވާކަމަށް ނިންމާ މަރަން ހުކުމް ކުރީއެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ، ރަސްގެފާނާއި ވަލީ އަހުދާ ގުޅުވައި ދީނާއި އަދުލުއިންސާފަށް ފާޑުކިޔުމާއި ޓެރަރިސްޓް ވިސްނުމަކަށް ތާއީދު ކުރުމާއި ޓެރަރިސްޓް ޖަމާއަތަކާ މުއާމަލާތް ކުރުމާއި ޓެރަރިސްޓް ހަރަކާތަކަށް ހިތްވަރު ދީ ދޮގު ހަބަރު ފެތުރުމަކީ ކުށެއް ކަމަށެވެ.
ސައުދީގައި ގިނަ އަދަދެއްގެ ބަޔަކަށް މަރުގެ އަދަބު ދޭ އިރު، ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 92 މީހަކު ވަނީ މަރާލާފައެވެ. އަދި މިދިޔަ އަހަރު 148 މީހަކު މަރާލާފައި ވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
ސައުދީ ސަރުކާރަށް ބިރުން އަމިއްލައަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން އުޅޭ ޣަމްދީގެ ބޭބެ ބުނީ، އޭނާގެ ކޮށްކޮ އަށް މަރުގެ އަދަބު ދިނުމުން އޭގެ ހަޓުކާ އޭނާ އަށް ވެސް ފޯރަފާނެ ކަމަށެވެ. ޣަމްދީގެ ބޭބެ ނާސިރު އަލް ޣަމްދީ އަކީ އިސްލާމި ތައުލީމު އުގަންނައިދޭ އިލްމުވެރިއެކެވެ.
އޭނާ އިތުރަށް ބުނީ، އޭނާ އަނބުރާ ސައުދީއަށް ދާން އެގައުމުގެ ސަރުކާރުން އެތައް ފަހަރަކު އެދިފައި ވާ ކަމަށާއި ނަމަވެސް އޭނާ ނުދާނެ ކަމަށް ބުނެފައި ވުމަކީވެސް ކޮށްކޮ އަށް އެ މުސީބާތް ކުރިމަތިވި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.