ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އާންމު ބަހުގެ ހިދުމަތް ހއ. ދިއްދޫގައި ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ދިއްދޫގައި ފެށޭ މި ހިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ 2 ބަސް ކަމަށެވެ. އަދި މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކޮށްފައި ވާއިރު 10 މީހުންނަށް ކޮޅަށް ތިބެވޭނެ ގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ހުންނާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އެމްޓިސީސީ އިން ބުނީ މި ބަސްތަކުގައި ޖުމްލަ 32 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށެވެ.
ހއ. ދިއްދޫގައި އާރްޓީއެލްގެ ބަހުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެމްޓީސީސީ އިން ބުނީ އެއް ހަފްތާ ވަންދެން ކަސްޓަމަރުންނަށް މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖަހިފައިވާ ކަމަށެވެ. އަދި ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ގަނެގެން ދަތުރުކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައި ވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި މި މުއްދަތު ނިމޭ ފަހުންވެސް 3 އަހަރުން ދަށުގެ ކުޑަކުދިންނާއި މަދަރުސާގައި ކިޔަވާ ކުދިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި 65 އަހަރުން މަތީގެ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނިން ބޭނުން ވަނީ އެކަށީގެންވާ އަގުގައި ލުއިފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.