ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ބައްދަލު ކުރައްވަން، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް ކ. މާފުށީ ޖަލަށް ވަޑައިގެން ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށް ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ބުނީ، ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް، ޔާމީނާ ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުން ގެންދަނީ ދޮގު ހަބަރެއް ކަމަށާއި އެއީ އެ ކޯލިޝަންގެ މެންބަރުން ބައިބައި ކޮށްލުމަށް ފަތުރަމުންދާ ހަބަރެއް ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަކީ ރައީސް ޔާމީން ތާއީދުކުރައްވާ އަދި އެމަނިކުފާނު އެންޑޯސް ކުރެއްވި ކެންޑިޑޭޓެވެ. އެހެންކަމުން އެ ދޮގު ހަބަރު ފަތުރަނީ ދިވެހި އެންމެހާ ރައްޔިތުން ޑރ. މުއިއްޒަށް ވޯޓު ދިނުމަށް ޔާމީން އެދިވަޑައިގެންފައި ވާތީ، އެކަން ހަޖަމު ނުވެގެން ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
އެ ހަބަރު ފެތުރުމުގެ އަޑީގައި ހުންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ކަމަށް ދުށުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ. އެހެންކަމުން މިފަދަ ފިތުނައިގައި ދިވެހި ރައްޔިތުން ނުޖެހުމަށާއި ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓް ނަންބަރު 4، ޑރ. މުއިއްޒާ އެކު ސާބިތުވެ ތިބުމަށް އެ ކޯލިޝަނުން އެދެއެވެ.