މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއިދު ކުރުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފިއެވެ.

އެ ޖަމިއްޔާ ނެރުނު ބަޔާނެއްގައި ރައީސް ސޯލިހްއަށް ތާއިދުކުރުމަށް ނިންމި ސަބަބު ހާމަކުރަމުން ބުނެފައިވަނީ އެހެން އެއްވެސް ދައުރެއްގައި ކޮށްދީފައިނުވާ މިންވަރަށް މި ފަސް އަހަރުގެ ތެރޭގައި ރިސޯޓުތަކުގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްތަކެއް ކޮށްދީ، އެއްބާރުލުން ދީފައިވާ ކަމަށެވެ.

މި ބަޔާނުގައި އެ ޖަމިއްޔާ އިން ވަނީ ފަތުރުވެރިކަމުގެ ސިނާޔަތުގެ މަސައްކަތްތެރިންނަށް ރައީސް ސޯލިހުގެ ވެރިކަމުގައި ކޮށްދެއްވާފައިވާ ކަންކަމާއި، އިތުރު ދައުރެއް ލިބިއްޖެ ނަމަ ކޮށްދެއްވާނެ ކަމަށް ވެފައިވާ ވައުދުތައްވެސް ބަޔާން ކޮށްފައެވެ. މި ގޮތުން ފާއިތިވި ފަސް އަހަރު ތެރޭގައި މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި:

- 10 ފަސެންޓު ސާވިސް ޗާޖް ނެގުން ލާޒިމުކޮށް، މޮނީޓާ ކުރުމުގެ ނިޒާމް ހަރުދަނާކޮށް ގާނޫނަށް އިސްލާހު ގެނެވި، ތަންފީޒުކުރަން ފެށުން

- ރިސޯޓު މުއައްޒަފުން އެދުނު ގޮތަށް ބޮޑު ޗުއްޓީ ބަދަލުކުރުން

- އުސޫލެއް ހަމައެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް ގާނޫނު އިސްލާހުކުރެވި، ގަވާއިދު އެކުލަވާލުން

- މަސައްކަތްތެރިންގެ ބައިވެރިވުމާއި މަޝްވަރާއާއެކު މިނިމަމް ވޭޖް ކަނޑައަޅައި، ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބުން

- ރިސޯޓުގައި މަސައްކަތްކުރާ ވަގުތު ފިޔަވައި ހުސްވަގުތުތަކުގައި އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ރިސޯޓުން ފޭބޭ ގޮތަށް ގާނޫނު ބަދަލުކުރުން

- ޓީމްގެ މަޝްވަރާއާއެކު އިންޑަސްޓްރިއަލް ރިލޭޝަން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

- މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

- އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އަދި ބައިނައްލަގުވާމީ ޖަމިއްޔާތަކާއި ގުޅުން ބަދެހިކޮށް ގިނަ މަސައްކަތްތަކެއް ކުރަން ފެށިފައިވުން

މީގެ އިތުރުން ކުރިއަށް އޮތް ދައުރުގައި ފަތުރިވެރިކަމުގެ ދާއިރާއަށް ކޮށްދެއްވަން ވައުދުވެފައިވާ ކަންތައްތަކަށްވެސް ވަނީ އަލި އަޅުވާލާފައެވެ.- ރިސޯޓްތަކުގެ އިސް މަގާމުތައް މަދުވެގެން 50 ފަސެންޓު ދިވެހިންނަށް ހަމަޖެއްސުން

- ރިސޯޓުތަކުގެ މުއަައްޒަފުންނަށް ހާއްސަ ތައުލީމީ ޕްރޮގްރާމުތައް ހިންގުން

- ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ 500 ލީޑާޝިޕް ސްކޮލާޝިޕް ފުރުސަތު ހޯދައިދިނުން

- ފަތުރުވެރިކަމުގެ މަސައްކަތްތެރިންނަށް ހާއްސަ ބޯހިޔާވަހިކަން

- މަސައްކަތްތެރިންނަށް ފަސޭހަކަމާއެކު އާއިލާ ގާތަށް ދެވޭނެ ގޮތަށް ރިސޯޓްތައް ޒަމާނީ ހައި ސްޕީޑް އާރްޓީއެލް ފެރީތަކާ ގުޅާލުން

- ބައިނައްލަގުވާމީ މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލް ކެމްޕަސްއެއް ގާއިމްކުރުން

ޓީމްއިން ނެރުނު ބަޔާނުގައިވަނީ އެ ޖަމިއްޔާގެ ގިނަ މެމްބަރުން އެ ކަންކަން ބަލައިގަންނަ ކަމަށެވެ. އަދި ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަކޮށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލައިފައިވާކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.