އީފާސް އެޕްލިކޭޝަން މެދުވެރިކޮށް ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމަށް ބޮޑު ތަރުހީބެއް ލިބެމުން ދާ ކަމަށް ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ބުނެފިއެވެ.
އެންސީއައިޓީ އިން ބުނީ މި ހިދުމަތް ތަޖުރިބާކުރުމަށް ހުޅުވާލިތާ ތިން މަސްދުވަހުގެ ތެރޭގައި 52،432 މީހުން ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 198،841 ފަހަރު 49 ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންކޮށްފައިވާ ކަމަށެވެ.
މި ގޮތުން އެންމެ ގިނަ ފަހަރަށް ބޭނުންކޮށްފައިވާ ޕޯޓަލް ތަކުގެ ތެރޭގައި ގެދޮރުވެރިޔާ ޕޯޓަލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް، މޯލްޑިވެސް އިސްލާމިކް ބޭންކް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓްގެ ބިޒްނަސް ޕޯޓަލް، އެކްސްޕެޓް އޮންލައިން، އާބަންކޯ، ގަވް.އެމް.ވީ މެސެޖް އަދި އެސް.އެމް.އީ ފައިނޭންސް ކޯޯޕަރޭޝަން ހިމެނެއެވެ.
ގައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް، ފަރުމާކޮށްފައިވަނީ ފަސޭހަކަމާއި ރައްކާތެރިކަމާއި އެކު އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގައްޔާއި ހާޒިރުވެގެން ހިދުމަތް ހޯދުމުގައި ހިދުމަތް ހޯދާފަރާތަކީ ކާކުކަން ކަށަވަރުކުރެވޭގޮތަށެވެ. މިގޮތުން އީފާސް މޯބައިލް ތައާރަފުވުމާއިއެކު ކިއު.އާރ ކޯޑު ސްކޭންކޮށްގެން އަދި މިއެޕުގެ ތެރެއިން އެއްފަހަރު ފިތާލައިގެން އޮންލައިން ޕޯޓަލްތަކަށް ލޮގިން ކުރުމާ، ޑިޖިޓަލްކޮށް މި އެޕުގެ ތެެރެއިން ދައްކުވައިދޭ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑެެއް މެދުވެރިކޮށް ހާޒިރުވެގެން ހޯދާ ހިދުމަތަކުގައި ބޭނުންކުރެވޭނެގޮތް ވަނީ މަގުފަހިކުރެވިފައެވެ.
އީފާސް ބޭނުންކުރާ 68 އަށްވުރެ ގިނަ ޕޯޓަލް އަދި އެޕްލިކޭޝަންތަކުގައި އީފާސް މޯބައިލް ބޭނުންކޮށްގެން ޔޫސާނޭމް، ޕާސްވޯޑް އަދި އޯ.ޓީ.ޕީ ނުޖަހައި ފަސޭހަކަމާ އަދި ރައްކާތެރިކަމާ އެކު ކިއު.އާރ ކޯޑު ސްކޭންކޮށްލައިގެން "ސްކޭން ޓު ލޮގިން" ކުރެވޭގޮތް މިހާރުވަނީ ހެދިފައެވެ. އަދި މޯބައިލް ފޯނުގައި އޮންލައިން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު "ޓެޕް ޓު ލޮގިން" މެދުވެރިކޮށް އެއްފަހަރު ފިތާލައިގެން 13 އޮންލައިން ޕޯޓަލްއަކަށް ވަދެވޭގޮތް މި ތިން މަހުގެ ތެރޭގައި ވަނީ ހެދިފައެވެ.
ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އަންނަ މި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ތައާރަފުކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އޭރު ބޭނުންކުރަނީ ހަމައެކަނި އެންސީއައިޓީއިން ތައްޔާރުކުރާ އެޕްލިކޭޝަން ތަކުގައެވެ. 2019 ގައި އެޕްލިކޭޝަން އަޕްގްރޭޑްކޮށް އެހެން އިދާރާތަކުން ތައްޔާރުކުރާ އެޕްލިކޭޝަންތަކަށްވެސް އިންޓަގްރޭޓް ކުރެވޭނެގޮތަށް އީފާސް ބަދަލުކުރެވުނެވެ.