ރައީސުލްކުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަައިގައި ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވަނީ ގދ. ވާދޫ، އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށާއި މީނާ ހުއްޓުވިއިރު ހުރީ މަސްތުގެ ހާލިގައި ކަމަށް ހާދިސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެ އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
އެ މައްސަލަ ބެލި އިންވެސްޓިގޭޓިވް އޮފިސަރާ ހަވާލާދީ އެ އަމުރުގައި ބުނެފައިވަނީ އޭނާ މަޑުކުރަން ބުނުމުން މަޑުނުކޮށް ރައީސްގެ މޮޓޯ ކޭޑަށް ހުރަސްއެޅި ކަމަށް އެއްބަސްވި ކަމަށާއި އޭނާއަކީ ސްކިޒޮފްރޭނިއާގެ ޕޭޝިއަންޓެއް ކަމަށާއި ޖެންޑާ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އަދި ބަލަހައްޓަމުންދާ ޕޭޝަންޓެއް ކަމަށް ބުނެފައިވާ ކަމަށެވެ.
މި މީހާ މިދިޔަ މަހުގެ ތެރޭގައި މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ހައްޔަރުކުރެވިފައިވާ ކަމަށާއި މި މައްސަލައިގައި ހުއްޓުވިއިރުވެސް ހުރީ މަސްތުގެ ހާލުގައި ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ފާހަގަކޮށްފައެވެ.
އިދިކޮޅުން ޕީޕީއެމް އޮފީސް ދޮރުމަތީގައި މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ. މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.