އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6 އިން ފެށިގެން ކެމްޕެއިން ޖަހަގަ ހުޅުވާފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން، އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަގަހައެއް ހުޅުވާފައި ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫންކަން ރިޔާސީ ކެންޑިޑޭޓުންގެ އޭޖެންޓުންނަށް އަންގާފައިވާ ކަމަށެވެ. އަދި މަނާ ގަޑީގައި ކެމްޕެއިން ޖަގަހަ ހުންނަން ޖެހޭނީ ބަންދުކޮށްފައި ކަމަށް ވެސް ވާނީ ބުނެފައި ކަން ހަބީބް ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބަށް ވާއިރު މިފަހަރުގެ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަ ކުރެއެވެ.

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށްފައިވާ ގޮތް:

  1. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (އަމިއްލަ ގޮތުން)
  2. ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް (އަމިއްލަ ގޮތުން)
  3. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
  4. މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
  5. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް (ޖުމްހޫރީ ޕާޓީ)
  6. އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
  7. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
  8. ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)

ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް އިއުލާން ކުރަމުން އީސީން ބުނެފައި ވަނީ، ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެއީ އޮގަސްޓް 10 އިން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށެވެ. އެހެންކަމުން މި މަހުގެ 8 ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6 ގެ ފަހުން ކެމްޕެއިން ކުރުމަކީ މަނާ ކަމެކެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރު ވަމުން އަންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ އިންތިހާބު ކުރިއަށްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރު ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ ދެވަނަ ބުރުގެ އިންތިހާބު އޮންނަތާ ހަތް ދުވަހުގެ ތެރޭގައެވެ.