އެކި ސަރުކާރުތަކުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުތަކުން އެޅި ތަންތަނުގައި ދިރިއުޅޭ މީހުންގެ ކުއްޔާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން (އެސްއެމްއީ) ތަކުން ނެގި ލޯނުތައް މައާފް ކޮށްދެއްވާނެ ކަމަށް ވިދާޅުވީ، އެކަން ކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށް، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތައް ކައިރީގައި ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުވައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވި ގޮތުގައި:

  • ޔާމީން އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރަށް ޖަލަށް ލައި، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ޖަލަށް ލި ކަމަށް
  • 2018 ގައި ޔާމީނާ ދެކޮޅަށް ވާދަކުރައްވާނެ ކަމަށް ބެލެވުނު ސިޔާސީ ހުރިހާ ލީޑަރުން ޖަލުގައި ބަންދުކުރެއްވި ކަމަށް

"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމް ވެސް އޮތީ ފެއިލްވެފައޭ،"

ގާސިމް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި ހެދި ހިޔާ ފްލެޓުތަކަށް ފައިސާ ހޯއްދަވައިދެއްވީ، އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ކަމަށާއި، ނަމަވެސް "ކާޅު ހާލި ހެދީމަ ކޮވެލި އައިސް ބިސް އަޅާ" އުސޫލުން ހިޔާ ފްލެޓުތައް ހެދި ބޭފުޅަކަށް ވީ ޔާމީން ކަމަށެވެ.

ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ތަންތަނުގައި ދިވެހިން އުޅެން ހެޔޮނުވާނެ ކަމަށާއި، ދިވެހިން ދިރިއުޅެން ޖެހޭނީ އެއަށް ވުރެ މާ ރަނގަޅު ތަނެއްގައި ކަމަށެވެ.

ކަން މިހެން އޮތް އިރު، މި ސަރުކާރުން އައިސް ހިޔާ ފްލެޓުތައް ދޫކުރީ 2.5 މިލިއަން ރުފިޔާ އަށް ކަމަށާއި، އޭރު އެތަން ނިމެން ކައިރިނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ހިޔާ ފްލެޓުތައް ފްލެޓުވެރިންނާ ހަވާލުކުރިއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލެއް މިސްކިތެއް އަދި ވިޔަފާރިކުރެވޭނެ ގޮތެއް އެތަނުގައި ގާއިމްކުރެވިފައި ނެތް ކަމަށެވެ.

ހަމަ އެއާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެއް ބަޔަކަށް 1،000 އަކަފޫޓުގެ ގޯތި އަށް މިލިއަނެއްހާ ރުފިޔާ އަށް ވިއްކިއިރު، ހަ ހާސް ގޯތި ކަނޑާފަ ދެން ތިބި މީހުންނަށް ސަރުކާރުން ހިލޭ ގޯތި ދޫކޮށްފައިވާ ކަމަށާއި، ސަރުކާރުގެ 'ވިނަރެސް' މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް މުޅިން ނުނިމެނީސް މީހުން އެ ތަންތަނަށް ވައްދަމުންދާ ކަމަށް ވިދާޅުވެ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ހަމަހަމަކަމާއި އިންސާފުވެރިކަމާ މެދު ގާސިމް ވަނީ ސުވާލު އުފައްދަވައިފައެވެ.

"އެހެންވީމަ އަޅުގަނޑު އެގޮތަށް ނިންމީ އަޅުގަނޑުގެ ވެރިކަމެއްގަ ދިވެހިރާއްޖޭގެ ސޯޝަލް ހައުސިން އާއި، ރާއްޖޭގަ ވިޔަސް ހުޅުމާލެގަ ވިޔަސް ހުރިހާ ތަނެއްގަ ތިބި ހުރިހާ އެންމެންގެ ކުލިތައް ކަނޑާލާނަމޭ،"

އެއަށްފަހު އެސްއެމްއީތަކަށް ދޫކުރާ ލޯނުތަކަށް އަލިއަޅުވާލައްވައި ގާސިމް ވިދާޅުވީ، އެ ލޯނުތައް އެ އިރެއްގައި އޮންނަ ސަރުކާރުން ދޫކުރަނީ ސިޔާސީ މަގްސަދެއްގައި ކަމަށާއި، ސަރުކާރާ ހިޔާލު ތަފާތުވެއްޖެ ނަމަ، ލޯނު އަތުލައި ހަދާ ކަމަށެވެ.

އޭނާ އަށް ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގެ ދަށުން ދިރިއުޅޭ މީހުންގެ ކުއްޔާއި އެސްއެމްއީ ލޯނުތައް މައާފުކޮށްދެއްވަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަން ކުރަންވާނީ ހަމަހަމަކަމާ އެކު ދެ ފުށް ފެންނަ ގޮތަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުން މިސާލު ނަންގަވައި ގާސިމް ވިދާޅުވީ:

  • 152 މިލިއަން ޑޮލަރަށް އިމާރާތްކުރި އެ ހޮސްޕިޓަލު އެއަށް ވުރެ މާ މޮޅަށް އެއަށް ވުރެ ކުޑަ އަގެއްގައި އިމާރާތްކުރައްވަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށް
  • އޭރުން 100 މިލިއަނެއްހާ ޑޮލަރު ސަލާމަތްކުރެވި، 1.6 ބިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު މައާފްކޮށްދެވޭނެ ކަމަށް

"އަޅެ ގޮތް ބަލާލަން [ވެރިކަން] ހަވާލުކުރަންވީނު، އަޅެ މި މީހުންނަށް ވެސް (އެމްޑީޕީ އާއި ޕީޕީއެމަށް) އަޅުގަނޑު ދީފީމޭ އެހެންނޫންތޯ،" އޭނާ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ އެސްއެމްއީ ލޯނުތަކާއި ހައުސިން މަޝްރޫއުތަކުގެ ދަށުން ދިރިއުޅޭ އެންމެންގެ ކުލި މައާފްކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި ގާސިމް ވިދާޅުވިއެވެ.