އެންމެ ބޮޑު އުފަލަކީ ހިންނަވަރަށް އުފަންވެ ވަޑައިގަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ހިންނަވަރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިންނަވަރަށް އުފަންވެވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު ފަހުރު ކަމަށާއި އެއަށް ވުރެ ބޮޑު ފަހުރެއް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ތުއްޕުޅުއިރުގެ ހަނދާންތަކާއި ރަހުމަތްތެރިންނާއި ރައްޓެހިންނާއި އާއިލާގެ ބޭފުޅުންނާ ބައްދަލުވެ ވަޑައިގަންނަވާއިރު ތަފާތު އިހުސާސް ކުރެއްވޭ ކަމަށާއި 10 ވަރަކަށް އަހަރު ވަންދެން އުޅުއްވައި ބޮޑުފުޅުވީ ހިންނަވަރުގައި ކަމަށެވެ. އަދި ހިތްފަސޭހައީ ހިންނަވަރު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ހިންނަވަރުގެ އާބާދީގައި 5000 މީހުން އެބަ ތިބި ކަމަށާއި އެހެންނަމަވެސް އާބާދީގެ ގިނަ އަދަދެއްގެ ބަޔަކު އުޅެމުންދަނީ މާލޭގައި ކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން ވެފައި އޮތް އިހުމާލު ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އެކަން ބަދަލުކުރައްވަން ކަމަށާއި ރަށްރަށް ތަރައްގީކުރައްވައި މާލެއަށް ލުޔެއް ލިބޭނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ހިންނަވަރުން އިދިކޮޅަށް ވޯޓު ދޭނެ މީހަކު ހުރެގެން ނުވާނެ ކަމަށެވެ.
ކުޑައިރު ފެންނަ އެއް ކަމަކީ ކޮންމެ ދުވަހަކު ހަވީރު ރަށުގެ މީހުން ނުކުމެ ވަޅު ކޮނެގެން ބޯފެން ހޯދަން ކުރާ މަސައްކަތްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ވަޑައިގަތީ އެ އިހުސާސްތަކާއި ތަޖުރިބާއާއެކު މަސައްކަތް ކުރައްވަން ކަމަށެވެ. އަދި އެ ސިޔާސަތުތައް ކުރިއަށް އޮތް ދައުރުގައި ތަންފީޒުކޮށް ނިމޭއިރު ތަފާތުކުރުން ނައްތާލާ ދިރިއުޅެން ރަނގަޅު އުފާވެރި ރަށްރަށަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދައުރުގައި ހިންނަވަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ބިން ހިއްކާ 200 ހައުސިން ޔުނިޓް ނުވަތަ ރޯ ހައުސް އަޅައްވައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އަލަށް ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ ފޯރުކޮށްދެއްވާނެ ކަމަށާއި ސްކޫލުގެ އާ އިމާރާތާއި އެޑްމިން ބްލޮކާއި އާ ކްލާސްރޫމްތައް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ހިންނަވަރުގެ ކައިރީގައި އޮތް ގާވެރިފަޅު ހިންނަވަރުގެ އިހްތިސޯސްގައި މިހާރު ހިމެނިފައި ވާނެ ކަމަށާއި މި އިންތިހާބަށް ހިންނަވަރުގެ ރައްޔިތުން ތިބީ ގޮތް ނިންމައިގެން ކަމަށެވެ. އަދި ހިންނަވަރުގެ ރައްޔިތުންގެ އިތުރުން މުޅި ހުރިހާ ރައްޔިތުނަށްވެސް އެންމެ ރަނގަޅު ވާނީ އެމަނިކުފާނު ހޮވިވަޑައިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.