ރިޔާސީ އިންތިހާބަށް 9 ވަރަކަށް ދުވަހަށް ވެފައި ވާއިރު ކެމްޕެއިންގެ ފޯރި ދުވަހެއް ދުވަހަކަށް ފެންނަނީ ގަދަކޮށެވެ. ކެމްޕެއިނުގައި ރަށްރަށަށް ކެންޑިޑޭޓުން ވަޑައިގަތުމުން ތަފާތު ގޮތްގޮތަށް މަރުހަބާ ކިޔުމާއި މަރުހަބާ ކިޔަން އެއްވާ ލަޝްކަރު ވެސް އެކި ރަށްރަށުގައި ތަފާތެވެ. އެގޮތުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންފައި ވަނީ އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ ހިންނަވަރަށެވެ. ފެނިގެން ދިޔައީ އާދަޔާ ހިލާފު ތާއިދަކާއި އެމަނިކުފާނަށްޓަކައި އެ ރަށުގެ ރައްޔިތުންގެ ހިތްތަކުގަައި އޮތް ލޯތްބެވެ. ހިންނަވަރަށް މިއަދަކީ އައި އުފާވެރި އީދެކެވެ.
5000 އަށް ވުރެ ބޮޑު އާބާދީގެ ހިންނަވަރުގެ މަލަމަތިން ފެނުނީ ރީނދޫކުލައިން ޖަރީކޮށްފައިވާ މަންޒަރެވެ. ރަށުގެ އާބާދީގެ ބޮޑު ބައެއް ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ނިކުމެ ތިބި އިރު ގިނަ އަންހެންވެރިން ތިބީ ރީނދޫ ކުލައިގެ ހެދުމުގައެވެ. ފިރިހެނުން ރީނދޫ ޓީޝާޓާއި ގަމީހުގައެވެ. ކުޑަކުދިންނާއި ތުއްތު ކުދިންވެސް ރީތިކޮށް ނަލަކޮށްފައި ވަނީ ރީނދޫ ކުލަ ހުންނަ ހެދުމުގައެވެ. ބަނދަރުމަތީގައި ރައީސް ސޯލިހުގެ ކެންޑިޑޭޓް ނަންބަރު "3" ބޮޑުކޮށް ޖަހާފައި ވާއިރު އެއްވެ ތިބި ސަފުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ އިސް ރަށްވެހިންވެސް ގިނަ އަދަދަކަށް ތިއްބެވެ. ބަނދަރުން ފެށި ސަފު ކޮޅާކޮޅު ނުފެނެއެވެ. އެ ރަށުގެ ބޮޑުމަގުން ލާފައި ގޮސް އެމްޑީޕީ ހަރުގެއާ ހިސާބަށް އެ ސަފު އޮތީ ދަމާލާފައެވެ.
ރަށަށް ކޮންމެ ފަހަރަކު ރައީސް ވަޑައިގަތަސް، އެ މަންޒަރު ފެންނާނެއެވެ. އެމަނިކުފާނާ ސަލާމްކޮށް، ބައްދާލައި ފޮޓޯ ނަގަން ގިނަ ބަޔަކު ތިބެނީ ކެތްމަދުވެފައެވެ.
އެއްވެފައި ތިބި ރައްޔިތުންނާ ސަލާމް ކުރެއްވުމަށް 45 ވަރަކަށް މިނެޓު ރައީސް ހޭދަކުރެއްވިއިރު އެއް އަޑަކުން ގުގުމަމުން ދިޔައީ "އެއްބުރުން ރައީސް އިބޫ" އަދި "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" ފަދަ ޖުމްލަތަކެވެ.
މީގެ ކުރިންވެސް އެމަނިކުފާނު ހިންނަވަރަށް ވަޑައިގަންނަވާއިރު ގިނަ އަދަދެއްގެ ބަޔަކު މިފަދަ ގޮތަކަށް މަރުހަބާ ކިޔަން އެއްވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ދުރަށް މާދުރަށް ގޮސް އޮބާފައި އޮތް ސަފުގައި ހުރި އުމުރުން ދުވަސްވީ އަންހެނަކު ބުނީ މިވަރުގެ ރައީސެއް ދުވަހަކުވެސް ނުދެކޭ ކަމަށާއި ދެވަނަ ދައުރަކަށް ވުރެ ގިނައިން ވެސް ރައީސް ސޯލިހަށް ހައްގު ކަމަށެވެ. އަދި ރައީސް ސޯލިހަކީ ބަރާބަރު ރައީސެއް ކަމަށާއި މިދިޔަ ފަސް އަހަރުވެސް އެ ރަށަށް ބޭނުންވި ހުރިހާ ކަމެއް ކޮށްދެއްވި ކަމަށެވެ.
ހިންނަވަރުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ދެން އަންނަ ފަސް އަހަރެއްގައިވެސް ރައީސް ސޯލިހު ހޮވަން އިންތިހާއަށް ބޭނުންވާ ކަމަށެވެ.
ހިންނަވަރުން ދެކޭ ހުވަފެން
ހިންނަވަރުގެ މީހުން ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ އެ ރަށުގައި ހޮސްޕިޓަލެއް ހުޅުވިގެންދާނެ ދުވަހެކެވެ. އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ބުނީ ރައީސް މީގެ ކުރިންވެސް ވިދާޅުވި ގޮތަށް ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް ގެވަޅު ދޫކުރުމުގެ ފިޔަވަހިތަކެއް ކުރިއަށް ގެންގޮސްފި ކަމަށެވެ. އަދި ބިމުގެ ދަތިކަން ކުރިމަތިވެއްޖެ ނަމަ އިތުރަށް ބިން ހިއްކައިގެން ވެސް ގޯތިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެސް ވާ ކަމަަށެވެ.
ހިންނަވަރުގެ މީހުންގެ ޖޯޝާއި މޫނު މަތިން ފެނިގެންދިޔަ އުފާވެރިކަމުން ދޭހަވެގެން ދިޔައީ ރަށުގެ ދަރިއަކު ވެރިކަމުގައި ހުންނަވާތީ އެ ރަށުގެ މީހުން ފަހުރުވެރިވާ މިންވަރެވެ. އެ ރަށުގެ މީހުން ބުނީ ހިންނަވަރުގެ ރައީސެއް ގައުމުގެ ރައީސަކަށް ހުންނެވުމުން ލިބޭ އުފާ ބުނެދޭންވެސް ނޭނގޭ ކަމަށާއި މި ވެރިކަން އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
މީގެ ކުރިން އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަައީސް ހިންނަވަރަށް ވަޑައިގަތުމުންވެސް އެ ރަށުން ފެނިގެން ދިޔައީ މި ފަދަ ހޫނު މަރުހަބާއެއް ކަމަށް ވާއިރު އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަޖެހުމެވެ. އެމީހުން ބުނަމުން ދިޔައީ ރައީސް ސޯލިހަކީ "ހިންނަވަރުގެ ފަހުރުވެރި ދަރިއެއް" ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ރައީސް ސޯލިހަކީ ހިންނަވަރު ފަހުރުވެރިވާ ފަދަ ދަރިއެއް ކަމަށާއި ނަމޫނާ ވެރިއެއް ކަމަށެވެ. ރައީސް ސޯލިހަކީ ހަރުދަނާ ލީޑަރެއް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.
އެއްކޮށް ރީނދޫ ހެދުމެއް ލައިގެން ހުރި އަންހެނެއް ގާތު ރައީސް ސޯލިހު ސިފަކުރާނީ ކިހިނެތްތޯ ސުވާލުކުރުމުން ބުނީ އޭނާ އެ ހުރި ގޮތް އެކަމަށް ފުދޭނެ ކަމަށެވެ.
މާޒީ އާއި މިހާރު
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އެއްބުރުން ހޮވިވަޑައިގެން އިރު އެމަނިކުފާނުގެ އުފަން ރަށުން އެ އިންތިހާބުގައި ލިބިވަޑައިގަތް ވޯޓު، އިދިކޮޅު ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެން ވޯޓާ މާ ބޮޑު ތަފާތެއް ނެތެވެ. އެގޮތުން ހިންނަވަރަށް ހާއްސަކޮށް 5 ފޮށި ބެހެއްޓި ނަމަވެސް ފެނުނީ އެކަމެވެ. އެެހެންނަމަވެސް މިއަދު ހިންނަވަރުން ފެނިގެން ދިޔަ މަންޒަރުން ހާމަވަނީ މި އިންތިހާބުގައި ހިންނަވަރުން ރައީސް ސޯލިހަށް ސުޕަމެޖޯރިޓީ ލިބިގެންދާނެ ކަމެވެ.