އުރީދޫ ގްރޫޕް ގައުމުތަކުގައި އައިއޯޓީ ގެ ހިދުމަތްތައް ކުރިއެރުވުމަށް އުރީދޫއިން އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެއެވެ.

އުރީދޫއިން ބުނީ މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސް ގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުނި ކަމަށެވެ.

އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާ ކޯޕަރޭޓިވްއެވެ. ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓިވިޓީ ޓްރެންޑްތައް ބަލައި، ކަނެކްޓެޑް ޑިވައިސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ޕާޓްނަރުންނާއި ކަސްޓަމަރުންނާއި އެކު ތަޖުރިބާތަށް ހިއްސާކުރާ ހާއްސަ ފޯރަމެކެވެ.

އެލަޔަންސްގެ މެންބަރެއްގެ ހައިސިއްޔަތުން މިހާރު ބައިނަލްއަގްވާމީ އައިއޯޓީ މަޝްވަރާތަކުގައި އުރީދޫއިން ބައިވެރިވާނެ ކަމަށާއި މިކަމުގެ ސަބަބުން އުރީދޫގެ ހިދުމަތް ދޭ މާކެޓް ތަކުގެ ލޯކަލް ގަވައިދުތަކުގެ މައުލޫމާތު އެލަޔަންސްއަށް ފޯރުކޮށްދީ ސަރަހައްދީ މާކެޓުތަކުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން "އުރީދޫ ސަރަހައްދު"އަށް ވަންނަ ކަސްޓަމަރުންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ގެނައުމުގައި އުރީދޫ ގްރޫޕުން އެހެން އޮޕަރޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވައި ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާ ކުންފުންޏަކަށްވާއިރު އުރީދޫއިން ވަނީ މާލެ ސަރަހައްދަށް 5ޖީ ނެޓްވޯކް ތައާރަފް ކުރުމުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޓިއާ 3 ސެޓިފިކޭޝަން ރެޑީ ޑޭޓާ ސެންޓަރެއްވެސް ތައާރަފްކޮށްފައެވެ.

ހަމައެއާއެކު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހދ.ކުޅުދުއްފުށީގައި ނެޓްވޯކް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ދެވަނަ ޑޭޓާ ސެންޓަރެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ހައިޕާސްކޭލްގެ ހިދުމަތާއި، ކަނެކްޓިވިޓީ އިތުރުކުރުމުން، މި ތަރައްގީގެ ސަބަބުން ވިޔަފާރިތައް ބާރުވެރިވެ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިވެ، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.

އެލަޔަންސްގެ މެމްބާޝިޕް އުރީދޫ އަށް ލިބުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ކަނެކްޓިވިޓީ އާއި އެއްބާރުލުން އިތުރުކުރުމަށް އެ ގްރޫޕުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި އޮޕަރޭޓަރުގެ ހައިސިއްޔަތުން އުރީދޫގެ ސަބަބުން އެލަޔަންސްގެ ކަވަރޭޖް ކުރިން ބޭނުން ނުކުރެވޭ ސަރަހައްދުތަކަށް ފުޅާކޮށް، އެއްބާރުލުމާއި ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން އިތުރަށް ބުނީ އެލަޔަންސްގެ ގެ މެމްބަރުންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފައި، އައިއޯޓީ ޓެކްނޮލޮޖީތަކަށް އަހުލުވެރިކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއަރުވައި، އެންމެންނަށް ވެސް މިހާރަށްވުރެ ސްމާޓް ގުޅިފައިވާ ދުނިޔެއެއް އުފެއްދުމަކީ އުރީދޫ ގެ އަމާޒެކެވެ.