މިދިޔަ މެއި މަހު އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ކޮއްކޮ ހުސައިން މަވާޒު ކުށަށް އިއުތިރާފް ވެއްޖެއެވެ.

ދައުލަތުން މަވާޒްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު މަވާޒް ވަނީ ތަހުގީގު މަރުހަލާގައި ވެސް އަދި މިއަދު ދައުލަތުން ޝަރީއަތުގައި ދައުވާ އިއްވުމުން ވެސް ކުށަށް އިއުތިރާފްވާ ކަމަށް ބުނެފައެވެ. އަދި އޭނާ އެދިފައި ވަނީ ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ.

އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްތޯ ކަށަވަރު ކުރުމަށް ގާޒީ ކުރައްވަންޖެހޭ ސުވާލުތައް ކުރައްވާފައި ވާއިރު އެ ސުވާލުތަކުގެ ޖަވާބުގައި އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ޝަރީއަތުގައި ކިޔާދީފައެވެ.

އޭނާ ބުނީ، މެއި 31، 2023 ވަނަ ދުވަހުގެރޭ އެ ހާދިސާ ހިނގުމުގެ ކުރިން އެރޭ ބޭބެއާ ރެސްޓޯރަންޓަކުން ދިމާވި ކަމަށާއި، އެތަނުން ބޭބެގެ ފޯނު ނަގައިގެން އޭނާ ގެއަށް ދިޔަ ކަމަށެވެ. އަދި ގެއަށް ދިޔައީ މަސްތުވާއެއްޗެއް ކަމަށްވާ (ބޮގަރު) ބަލާ ކަމަށާއި، ގެއަށް ދިއުމުން، ބޭބެ ފޯނު ކޮބާތޯ ސުވާލު ސުވާލު ކުރުމުން، ސިމާއެކު ބޭބެގެ ފޯނު ވިއްކާލިކަމަށް ބުނި ކަމަށެވެ. އަދި އެހިސާބުން ހަމަނުޖެހުން އުފެދި މާރާމާރީ ހިނގަން މެދުވެރިވީ ކަމަށްވެސް އޭނާ ޝަރީއަތުގެ މަޖިލީހުގައި ބުންޏެވެ.

އަދި ހަމަނުޖެހުން ހިންގި އިރު އޭނާ ހުރީ ރާ ބޮއިގެން ކަމަށް ޝަރީއަތުގައި ބުންޏެވެ. އޭނާ ބުނި ގޮތުގައި ބޭބެއަށް ހަމަލާ ދިނީ ތޫނު ކަތުރަކުންނެވެ. ހަމަލާ އަމާޒުވީ ބޭބެގެ ކަރުގެ ވާއަތްފަރާތުން ތިރިއަށެވެ. އޭނާއަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އިހުސާސްވީ މަންމަ އައިސް އޭނާގެ ގައިގައި ތަޅާގަތުމުން ކަމަށް ވެސް ބުންޏެވެ.

ބޭބެ މަރުވިކަން އެނގުނީ ޖެހިގެން އައި ދުވަހު ހޮސްޕިޓަލަށް އޭނާގެ ދެބެންގެ ދެދަރި ކޮށްކޮއަކު ފޮނުވައިގެން ހަބަރު ބެލުމުން ކަމަށާއި، ބޭބެއަށް ބޭނުންވާ ލޭ ހޯދުމަށްވެސް އޭނާ މަސައްކަތް ކުރިކަމަށް ބުންޏެވެ. އަދި ބޭބެ މަރުވި ހަބަރާއެކު ބައްޕަ ވެސް ގުޅި ކަމަށާއި ބައްޕަ އޭނާއަށް މައާފް ކުރި ކަމަށް ވެސް މަވާޒް ބުންޏެވެ. އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބައްޕަ ބުނި ކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފައެވެ.

މަވާޒް އަކީ 2019 ވަނަ އަހަރު އޭނާގެ މައްޗަށް ރޭޕްގެ ދައުވާއެއް އުފުލައި، މިމަހުގެ 11 ވަނަ ދުވަހު ދައުވާ ސާބިތުވެފައިވާ ހުރި މީހެކެވެ. އެއާއެކު، އޭނާގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާގެ އެއް ދަރަޖަ ވަނީ މަތިކޮށްފަ އެވެ. ދައުލަތުން ބުނެފައި ވަނީ މަވާޒް އިއުތިރާފްގެ އެއްބަސްވުން ބަލައިގަނެއްޖެނަމަ އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް ކަމަށެވެ.

އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމާއި، ތަހުގީގަށް އެއްބާރުލުން ދީފައިވުމުން އޭނާއަށް ލުއި އަދަބެއް ދިނުމަށް ދިފާއުން ވަނީ އެދިފައެވެ. އަދި ހެކި ހޯދުމަށް ފުލުހުންނަށް ފަސޭހަވެގެން ދިޔައީ އޭނާ ދިން އެއްބާރުލުމާއި އެކުގައި ކަމަށާއި، ކަތުރު އޮތްތަންވެސް ދެއްކީ ހުދު އޭނާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅުއްވާ އޭނާގެ މައްޗަށް ކޮށްފައިވާ، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަދަބު ކަނޑައެޅުމަށްޓަކައި އިއުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންވާކަން ނުވަތަ ނޫންކަން ދެން އޮންނަ އަޑުއެހުމެއްގައި އަންގަންވާނެ ކަމަށާއި، އެއަށްފަހު އަދަބާ ގުޅޭގޮތުން ދައްކަން ހުރި ވާހަކައެއް ދެއްކެވުމަށް ފުރުސަތު ދިނުމަށްފަހު ހުކުމް ކުރައްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.