ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ މައްސަލައިގައި، ޔާމީންގެ ދިފާއުގައި ހުށަހެޅި ބައެއް ހެކިންގެ ހެކިބަހަށް ކްރިމިނަލް ކޯޓުން ބުރަދަން ނުދޭން ނިންމީ އެ ހެކީން ބުއްދި ހަމަނުޖެހޭ ވާހަކަތައް ދެއްކުމުން ކަމަށް، ދައުލަތުން މިއަދު ބުނެފިއެވެ.
އާރަށުގެ ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން، ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ވަންނަން ޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އޭގެ ދިފާއުގައި ޔާމީން ވިދާޅުވި ގޮތުގައި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ލިބުނު އެއް މިލިއަން ޑޮލަރެވެ. ޔާމީންގެ ފަރާތުން އެކަން ސާބިތުކުރަން ހުށަހެޅި ބައެއް ހެކީންގެ ހެކިބަހަށް ބުރަދަން ނުދޭން، ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަހްމަދު ޝަކީލް ނިންމެވިއެވެ.
އެހެންވެ، ހައިކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާ އަށް ދައުލަތުން ދިން ޖަވާބުގައި ރައްދުގައި ޔާމީންގެ ވަކީލުން ވިދާޅުވީ، އެ ހެކިބަހުގައި ފުށޫ އެރުމެއް ނެތް ކަމަށާއި، އެއީ އުފައްދައިގެން ހުށަހަޅާފައިވާ ހެކިތަކެއްކަމަށް ނިންމެވީ ގާޒީ ކަމަށެވެ.
އެ ނުކުތާ އަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ގާޒީ ބެއްލެވީ ހެކިބަހުގައި ހުރި ބުއްދި ހަމަނުޖެހޭ ވާހަކަތަކަށް ކަމަށާއި، އެއްވެސް ހާލެއްގައި ފަނޑިޔާރުން ހެކިބަސް އެއްފަރާތް ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އެކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، ގާޒީ ޝަކީލް ހިލާފުވެވަޑައިގެންފައި ވަނީ އިސްތިއުނާފީ ނުކުތާގައި ފާހަގަ ކޮށްފައިވާ ހައިކޯޓުގެ "އަބްދުﷲ ނަޒީފު ވ. ޕީޖީ" ގަޒިއްޔާގައި ބުނާ ކޮން އުސޫލަކާ ކަމެއްކަން ޔާމީންގެ ފަރާތުން ބުނެދެވިފައި ނުވާ ކަމަށާއި، ޔާމީންގެ މައްސަލައިގައި ފަނޑިޔާރު ހެކިބަހަށް ބުރަދަން ނުދޭން ނިންމެވީ ދެކޮޅު ނުޖެހޭ ވާހަކަތައް ހުރުމުން ކަމަށެވެ.
ހަމަ އެއާއެކު، ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ހެކިންގެ އަދުލުވެރިކަން ގެއްލިފައި ނުވާތީ މައްސަލަ ނިންމަން ވާނީ އެ ހެކިންގެ ހެކިބަހަށް ރިއާޔަތް ކޮށްގެން ކަމަށް ޔާމީންގެ ފަރާތްޕުޅުން ބުނެފައި ވާއިރު، އެކަމަކީ އެއީ މުޅިން ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، އެގޮތުން ހަމައެކަނި އަދުލުވެރިކަން ގެއްލިފައި ނުވާތީ ހެކިން ދެއްކި ވާހަކައަށް ނުބަލައި އެ ހެކިންނަށް ބުރަދަން ނުދެވޭނެ ކަމަށް، ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުން މީހެއްގެ މައްޗަށް ކުރާ ދައުވާ އެއް ސާބިތުކުރަން ޖެހެނީ ޝައްކެއް ނެތް މިންވަރަކަށް ކަމަށާއި، އެ މިންވަރަށް ހެކި ލިބިފައިވޭތޯ ވަޒަންކުރަން ޖެހެނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމަކުން ވިސްނާފައި ކަމަށް، ދައުލަތުން ބުންޏެވެ. މި މައްސަލައިގައި ވެސް ހެކި ވަޒަންކުރަން ޖެހެނީ ބުއްދީގެ ހަމަތަކުގެ މަތިން ކަމަށާއި، އެ ނޫން ގޮތަކަށް ހެކި ވަޒަންކޮށްފި ނަމަ އިސްތިއުނާފު ކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ހެކިން ދެއްކި ވާހަކައަށް ބަލައި އެ ހެކީގެ ތެދުވެރިކަން ވަޒަން ކުރުމަކީ މީގެ ކުރިން ވެސް ގާޒީން ކުރެއްވި ކަމެއް ކަމަށާއި އެހެން ގައުމުތަކުގައި ވެސް އެފަދައިން ކަން ކުރި ކަމަށް، ވަކީލު ފާހަގަ ކުރެއްވިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލައިގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހެކިބަސް ދެއްވީ "ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރު ވެގެން" ކަމަށް، ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ރިޕޯޓުގައި ވެއެވެ.
ނަރީޝް ހެކިބަސް ދެމުން ބުނީ، އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ ޔާމީންގެ އެދުމުގެ މަތީން ކާރެއްގައި ގެންގޮސް، އެމަނިކުފާނުގެ ގެކޮޅުގައި ގުނުމަށް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށާއި އެ ފައިސާ ހަވާލު ކުރުމަށް ފަހު އަނެއްކާ ވެސް އަތުން އެ ފައިސާ ގުނިކަމަށެވެ.
ދޮގު ހެކި ދިނުމުގެ ތުހުމަތުގައި ނަރީޝް ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައި ވެއެވެ.