އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައަމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅުގައި ރަށްރަށަށް ވަޑައިގަންނަވާއިރު އެހެން ރަށްތަކުން މީހުން އެއްތަން ކުރަން ނުޖެހޭ ކަމަށް ވިދާޅުވެ، ރަށްރަށުން މީހުން އެއްތަން ކުރާ ވާހަކަ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަދި ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ރައްދު ދެއްވައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި، ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޮންނަ ތާއީދު ކުޑަކަން ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ ތާއީދު ކުޑަނަމަވެސް މަންޒަރު ބޮޑު ކުރުމަށްޓަކައި އިތުރު ރަށްރަށުން ސަޕޯޓަރުން ގެންނަ ކަމަށެވެ.

އަދި މުއިއްޒަކީ ވަރަށް ކަނޑަށް ނުފަރިތަ ބޭފުޅެއް ކަމުން ރާއްޖޭގެ ހުރިހާ ރަށްތަކަކަށް އޭނާ އަށް ވަޑައިނުގެންނެވޭ ކަމަށާއި އެހެން ކަމުން މުއިއްޒުގެ އަރިހަށް ރައްޔިތުން ދާންޖެހޭ ކަމަށް ވިދާޅުވެ 'މަލާމާތެއް' ކުރެއްވިއެވެ.

އެއާ ހިލާފަށް ރައީސް ސޯލިހަށް ފިތް ކަނޑައިންދާ ވަރުގެ ތާއީދު އެ މަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން ލިބިވަޑައިގަންނަވާ ކަމަށާއި އިތުރު ރަށްރަށުން މީހުން ގެންނަން އެއްގޮތަކަށް ވެސް ނުޖެހޭ ކަަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ރިޔާސީ އިންތިހާބުގައިވެސް ތަނަވަސް އަޣުލަބިއްޔަތުން ރައީސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި އެމްޑީޕީން ވޯޓު އޮޅުވާލަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަށްވާނެ ކަން އެނގޭތީ ދައްކާ ވާހަކަ ތަކެއް ކަަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ އިންތިހާބު ނިމުނުއިރު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރެއްވުމާ އެކު އިދިކޮޅު ފަރާތްތަކުން ނުކުމެ 'ވޯޓު އޮޅުވާލީ' ކަމަށް ބުނެ އެފަދަ ތުހުމަތުތަކެއް ކުރި ކަމަށާއި އެއީ ވަރަށް ސާފުކޮށް ދަށްވާނެކަން ޔަގީންވާތީ އިދިކޮޅުން ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން ހުންނަނީ އެ ބޭފުޅުން 'އީސީ ޝަރީފޫ' އޭ ކިޔާ ވަރަށް 'ލޯބިކޮށް' ގޮވާ މަންޒަރު. އެހެންވީމަ އަނެއްކާ ވެސް އެ ކަންތައް ފަށަނީ، އެއީ ވަރަށް ސާފުކޮށް ދަށްވާނެކަން ޔަގީންވާތީ." މާރިޔާ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ތަކުރާރުކޮށް މާރިޔާ ވަނީ ވިދާޅުވެފައެވެ.