ފަށްކަނޑަށް ކައިވެނިކުރި ދެ މީހަކު ފެމިލީ ކޯޓުން ޖޫރިމަނާ ކޮށްފިއެވެ.
އެކަމާ ގުޅިގެން ފެމިލީ ކޯޓުން ބުނީ ވަރި ސާބިތުކުރުމަށް އެދި ހުށަހެޅި މައްސަލައެއްގައި ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ދެފަރާތުން ކުރެ ކޮންމެ ފަރާތެއް 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެފަރާތްތައް ޖޫރިމަނާ ކޮށްފައި ވަނީ އާއިލާއާބެހޭ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.
އެ ކޯޓުން ބުނީ އެފަދައިން ނިންމުމުގައި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިން ފަށްވެފައި ވަނިކޮށް ކައިވެނި ކޮށްފައި ވުމާއި ކާވެނީގެ އަގްދުވުމުގެ ކުރިންނާއި އޭގެ ފަހުން ދެ ފަރާތުން އަމަލު ކޮށްފައިވާ ގޮތަށާއި ކާވެނީގެ އަގްދުގެ މަތީގައި ހޭދަ ކޮށްފައިވާ ވަގުތަށާއި ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ޝަރީއަތުން ރިއާޔަތް ކޮށްފައިވާ ކަމަށެވެ.
ފެމިލީ ކޯޓުން ބުނީ އަދަބު ކަނޑައަޅާފައި ވަނީ ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެފަރާތުން ރާވައިގެން ކައިވެނި ކޮށްފައި ވާކަން އެނގޭތީ ކަމަށާއި އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގައި ވާގޮތުން ތިންފަށް ވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި މީހަކު ބުނެގެން ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެއް ކަމަށެވެ.
ފެމިލީ ކޯޓުން އިތުރަށް ބުނީ އެ ކުށަށް ކަނޑައަޅަން ޖެހޭ އަދަބު ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށާއި އެފަދަ ހާލަތްތަކުގައި މީގެ ކުރިން ވެސް ކޯޓުން އަދަބު ކަނޑައަޅާފައިވާ ކަމަށެވެ.