ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބު ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިއްޔެން ފެށިގެެން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސާބަކީ 7،151،90 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަަމަށެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟަކަށް ވާއިރު އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 ޕަސެންޓެވެ. މިދިޔަ އަހަރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 7062.65 ރުފިޔާ އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ޖޫން 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 26.8 މިލިއަން ރުފިޔާ ބަހާފައިވެއެވެ. މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހުންނަށް އެ ފައިސާ ބަހާފައިވާއިރު އެއީ ކޮންމެ ބޮލަކަށް 3،500 ރުފިޔާ ވަނީ ބަހާފައެވެ.