ތެލެސީމިއާ ކުދިންނަށް ކޮންމެ މަހަކު އެލަވަންސެއް ދޭން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގަންނަވައިފިއެވެ

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރ. ދުވާފަރަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މީގެ ކުރިން ސަރުކާރުގެ ހިލޭ އެހީގައި ތެލެސީމިއާ ކުދިންނަށް ބޯން މެރޯ ހަދައިދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވާ އެ ކުދިންނަށް ދޭން ނިންމާފައިވާ އެލަވަންސްގެ ވާހަކަ ވިދާޅުވެފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ތެލެސީމިއާ ކުދިން ކޮންމެ މަހަކު ތަހަންމަލު ކުރަން ޖެހެނީ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި އެހެންކަމުން ސަރުކާރުގެ ނިޒާމުގެ ތެރެއިން ލޭ އަޅަން ޖެހޭ ކުދިންނަށް ކޮންމެ މަހަކު ދޭ ހާއްސަ އެލަވަންސްއެއް ތައާރަފް ކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުދިންގެ އާއިލާތަކަށް ލުއެއް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެެ.

"ތެލެސީމިއާ ކުދިން ކޮންމެ މަހަކު ގޯ ތުރޫ ކުރަން ޖެހެނީ ވަރަށް ބޮޑު ތަކުލީފެއް. އެހެންވީމާ ސަރުކާރުގެ ނިޒާމުގެ ތެރެއިން ލޭ އަޅަން ޖެހޭ ކުދިންނަށް ކޮންމެ މަހަކު ދޭ އެލަވަންސްއެއް ތައާރަފް ކުރާނަން. އޭގެން ފުދޭވަރެއްގެ ލުއެއް އާއިލާތަކަށް ލިބޭނެ."
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި އަތުކުރި އޮޅާލައިގެން ނިކުމެ ހުންނެވި ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ގައުމުގެ ތަރައްގީވެސް ބައްޓަން ކުރަން ރާވާލާފައިވާ ކަމަށާއި އިގްތިސޯދު ކުރިއަރުވުމަށްޓަކައި އާމްދަނީ ލިބޭނެ މަގުތައްވެސް ފަހިކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް ގޮސްފައިވާ ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މި ދަރަނި ދަންތުރައިން ސަލާމަތްވާން މަސައްކަތް ފަށަން ޖެހޭ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައުދުތައް ވަމުން ގެންދަވަނީ އެކަން ސިކުނޑީގައި ބާއްވައިގެން ކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތް ވެސް ރާވާ ހުށަހަޅުއްވަމުން ގެންދަވާ ކަމަށާއި އިގްތިސޯދު ނަގާ ކޮޅަށް ޖަހާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.