މި ސަރުކާރުން ރ. މީދޫއަށް ކޮށްދިން އެއްކަމެއް ވެސް ނެތް ކަމަށާއި މި ސަރުކާރަުން ހިންގާ ޕްރޮޖެކްޓްތައް ގެންދަނީ "ހާވަމުން" ކަމަށް އެ ރަށުގެ ކުރީގެ ޕްރިންސިޕަލް އަހުމަދު ނައީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާ ގުޅިވަޑައިގެން ނައީމް ދެއްކެވި ވާހަކައިގައި އޭނާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ މިސަރުކާރަކީ، ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ އެ ރަށުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް، އެހެން ރަށަކަށް އަނބިދަރިންނާ ދުރަށް ބަދަލު ކުރަން މަސައްކަތް ކުރި ސަރުކާރެއް ކަަން ފާހަގަ ކޮށްފައެވެ. ނައީމް ވިދާޅުވީ، މި ސަރުކާރަކީ ވަރަށް ވެސް އަނިޔާވެރި ސަރުކާރެއް ކަމަށާއި އޭނާއަކީ ކޮން ކަހަލަ ބޭފުޅެއްކަން މީދޫގެ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

މި ސަރުކާރުން އެ ރަށުގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން ސްކޫލްގެ އިމާރާތް ނިންމާލެވުނު އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއްވެސް ދަނީ ހާވަމުން ކަމަށާއި ސްކޫލް އިމާރާތް ވެސް ނިންމީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގައި އެތައް މައްސަލައެއް ހުށަހަޅުއްވައިގެން ކަމަށް ނައީމް ފާހަގަ ކުރެއްވިއެވެ.

އެގޮތުން މަޖިލީހަށް އެޑިއުކޭޝަން މިނިސްޓަރު ހާޒިރުކޮށް ސުވާލުތައް ކުރުމުން އެ މަޝްރޫއު ނިންމާލީ ކަމަށާއި އަދި ވެސް ނިމިފައި ހުރި އެ އިމާރާތަށް ދަރިވަރުންނަށް ނުވަދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.