މާލޭގެ ކުނި މެނޭޖްކުރުމަށް ގާއިމް ކޮށްފައިވާ ޒަމާނީ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

މިނިސްޓްރީން ބުނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ޒޯން 3 ގެ ސަރަހައްދަށް އަމާޒު ކޮށްގެން ހިންގަމުންދާ "ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް" ޕްރޮޖެކްޓްގެ ދަށުން، އަލަށް އިމާރާތްކުރި މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާ ގެ (11.97 މިލިއަން އެމެރިކާ ޑޮލަރު) އަގުހުރި ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒެއް ކަމަށެެވެ.

މި ޓްރާންސްފާ ސްޓޭޝަން އޮޕަރޭޓް ކުރުމަށް ހަމަޖެހިފައި ވަނީ ވެމްކޯއާ ހަވާލުކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މާލޭގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު އިމާރާތް ކޮށްފައިވާ އެޑްމިން ބިލްޑިން އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއި އެކު އިމާރާތް ކޮށްފައިވާ، އެ ބޭންކުގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ފަރުމާ ކުރެވިފައިވާ އިމާރާތެއް ކަމަށެވެ.

މިގޮތުން، ކުނި އުކާލުމާއި، އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލޭގައި ކުނި މެނޭޖްކުރުމަށް ގާއިމް ކޮށްފައިވާ ޒަމާނީ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ، ޒަމާނުއްސުރެ މާލެ ސިޓީގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަކަށް މި ޓްރާންސްފާ ސްޓޭޝަން އާއެކު ޒަމާނީ ހައްލެއް ގެނެވިފައިވާ ކަމަށެވެ.

އަދި މިޓްރާންސްފާ ސްޓޭޝަން އާއެކު ތަރައްގީ ވެފައިވާ ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ މުހިއްމު އަސާސީ ޔުޓިލިޓީ ހިދުމަތްތައް މިހާރު މާލެ ސިޓީގައި ގާއިމްކޮށް ނިންމާލާފައި ވާކަން ޝައުނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން މި ސްޓޭޝަން ގައި ހިދުމަތް ހޯދާ އާންމުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާނެ ކަމަށާއި، އަދި މިއީ ޖަރުމަނުވިލާތުގެ ފަންނީ މާހިރުންގެ ލަފާގެ މަތިން އަދި އެންމެ ތަހުޒީބީ މުޖުތަމައުތަކުގައި ކުނި މެނޭޖުކުރާ ގޮތަށް ބަލައިގެން ފަރުމާކުރެވިފައިވާ އިމާރާތެއް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، މިސަރަހައްދުގެ ކުނި މެނޭޖްކުރުމަށް، ތިލަފުށި ހިމެނޭހެން އަދުގެ ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތަކީ އާންމުންނަށް ނުފެންނަ މަސައްކަތްތަކަށް ވީނަމަވެސް، މިއީ މާލެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ސަރުކާރަކުން މިހާތަނަށް ކުރަމުންދާ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ.

އަދި މި ހުޅުވި ސްޓޭޝަން އާއެކު، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުޅިން އާ ވެހިކަލް ފްލީޓް މިހާރު ރާއްޖެ ގެނެވި، ވެމްކޯ އާ ހަވާލުކުރަން ތައްޔާރު ވެފައިކަން ޝައުނާ އިއުލާން ކުރެއްވިއެވެ.

މި ސްޓޭޝަން ހުޅުވީ 3 މިނެޓަށް ހަވާވެސް އަރުވާފައެވެ.