ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުން ކުރާ ރައްޔިތުން އަތުން ފީ ނަގާނެ ކަމަށް ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ހުޅުވި ބްރިޖެކެވެ. މި ބްރިޖް ހުޅުވާފައި ވަނީ ރިޔާސީ އިންތިހާބާ ދިބާކޮށް 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުންގެ އަތުން ފީ ނަގާނެ ކަމަށް ބުނެ ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް ކަމަށެވެ.

ރައްޔިތުން އަތުން ފީ ނުނަންގަވާނެ ކަމަށް މިހާރު ވިދާޅުވި ނަމަވެސް ހައުސިން މިނިސްޓަރުގެ މަގާމުގައި އޭރު ހުންނެވިއިރު މުއިއްޒު ވަނީ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރުމަށް ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް އޭރު ވިދާޅުވެފައެވެ.

ފީއެއް ނުނަގައި، ބްރިޖުގެ ދަތުރުތައް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭގޮތް ކަމަށް ނުވާތީ، ފީއެއް ނެގުމުގެ މަޝްވަރާތައް ސަރުކާރުން ކުރިއަށް ގެންދިޔަ އެވެ. އެ މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ގުޅިގެންނެވެ. ނަމަވެސް އެ މަޝްވަރާތައް މަޑުޖައްސާލައި، ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދޫކޮށްލާފައިވާ ކަމަށް ވެސް އޭރު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެ ބްރިޖުގެ ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ. ސިނަމާލެ ބްރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރިއެވެ.