އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޝަކުވާ ހުށަހަޅައިފިއެވެ.

އެމްއެންޕީން އީސީ އަށް ފޮނުވި ސިޓީއެއްގައި ބުނީ، އިންތިހާބުގައި ވޯޓުދިނުމުގެ ހައްގާއި އެ ވޯޓަކީ ސިއްރު ވޮޓެއްކަން ކަށަވަރު ކޮށްދިނުމަކީ އީސީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ގާނޫނާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ނާއެގޮތުން ކުންފުނިތަކުގެ އިސްވެރިން އެދޭ ގޮތަށް ވަކި ކުލައެއްގެ މާކަރަކުން ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ އެ ކުންފުނިތަކުގެ މުވައްޒަފުން ކުރަމުންދާ ކަމަށް އެމްއެންޕީން ބުނެއެވެ.

މިއީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ އަމަލެއް ކަމަށް އެސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން މިއީ ނުރަނގަޅު ނުފޫޒެއް ނެތި، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރު ކުރުމަށްޓަކައި، މި ކަންކަމާ މެދު މަޝްވަރާ ކުރަން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެމްއެންޕީން ވަނީ އީސީގެ ކިބައިން އެދިފައިއެވެ.