މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ފުލުހުން ވަދެ ފާސްކުރި ތަނަކުން ހޯދި ފައިސާތަކުގެ ތެރެއިން ބައެއް ހޯދުމަށް ކުރި ދައުވާއަކާ ގުޅިގެން އެ ފައިސާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ބަލައި ފާސްކުރި "ޕީސް ސެލޫން އެންޑް ސްޕާ" ތެރެއިންނާ، އެތަނުން ހައްޔަރުކުރި ތައިލެންޑުގެ ހަތަރު އަންހެނެއްގެ އަތުން 190،990 ރުފިޔާ އަތުލައިގެންފައިވާ އިރު އޭގެ ތެރެއިން 23،100 ރުފިޔާ ހޯދަން އެތަނުން އެކަކު ކަމަށްވާ ޔަނިސާ ސިސޮމްސަކް ވަނީ ދައުވާ ކޮށްފައެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ސެލޫނަށް ވަދެ ފާސްކުރި އިރު ބަރަހަނާ ހާލުގައި ތިބި ދިވެހި ފިރިހެނަކާއި، ބަންގްލާދޭޝް ފިރިހެނެއްގެ އިތުރުން ތައިލެންޑު އަންހެނަކާ އަދި ޖިންސީ ގުޅުން ހިންގުމުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާންތައް ވަނީ ފެނިފައެވެ. މި މައްސަލައިގެ ޝަރީއަތުގައި ބުނެފައިވަނި އެ ސެލޫނުން މީހުން ހައްޔަރު ކުރިއިރު، ޔަނިސާ ރާއްޖެއަށް އައިތާ ވީ އެންމެ ހަ ދުވަސް ކަމަށާއި ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު އޭނާ ހުރީ އެ ތަނުގެ ކައުންޓަރުގައި ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ ޔަނިސާ އަތުން ފެނުނު ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތު ކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. މި ގޮތުން ޔަނިސާގެ ފޯނުން ލިބުނު މައުލޫމާތަށް ބަލާއިރު ހަށިވިއްކުމާ ގުޅޭ ގޮތުން އެކި މީހުންނާ މުއާމަލާތު ކޮށްފައިވާ ކަން ރެކޯޑް ތަކުން ދައްކާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ޔަނިސާ ބުނެފައިވަނީ އެ ފައިސާ އަކީ އޭނާ ތައިލެންޑުން އައި އިރު އަތުގައި ހުރި ތައިލެންޑު ބާތު މާރުކުރުމުން ލިބުނު ދިވެހި ރުފިޔާ ކަމަށެވެ. އަދި އޭގެ ތެރޭގައި މަސާޖުކުރުމުގެ ހިދުމަތް ދީގެން ހޯދި ފައިސާ ވެސް ހިމެނޭކަމަށް ޔަނިސާ ވަނީ ބުނެފައެވެ. މި މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅެމުގައި ވަނީ މުޅި މައްސަލައިގައި ހިމެނޭ ހުރިހާ ފައިސާ އަކީ ވެސް ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ބެލެވޭ ވަރަށް ހެކި އެބަހުރި ކަމަށާ އަދި އެ ހުރިހާ ފައިސާއެއް ވެސް ދައުލަތަށް ނަގަން ލަފާ ދީފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އެންމެން ޑީޕޯޓް ކުރުމަށް ވެސް ވަނީ ލަފާދީފައެވެ.

މި މައްސަލައިގެ ހުކުމުގައިވަނީ މި މައްސަލައިގައި ހިފަހައްޓާފައިވާ މުދަލަކީ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ މުދަލަކަށް ނުވާއިރު އެއީ ކުށްކޮށްގެން ހޯދާފައިވާ މުދާކަމަށް ފުލުހުން ބުނާ ބުނުން ފިޔަވައި އެކަން ކަނޑައަޅަން ފުލުހުން ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް ހުށަހަޅާފައި ނުވާކަމަށެވެ. އެހެންކަމުން އެ ފައިސާ މިހާރު ފުލުހުން ހިފަހައްޓާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެ ހުކުމުގައި ވަނި ބުނެފައެވެ. އެހެންކަމުން އެ ފައިސާ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އޭނާ އާ ހަވާލުކުރުމަށް ވަނީ ފުލުހުންގެ މައްޗަށް އަމަރު ކޮށްފައެވެ.