އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ވަނީ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުން ކުރެވޭނެ ރަސްމީ ލިޔެކިޔުންތައް ލިސްޓުކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން ވޯޓު ލުމަށް ބޭނުން ކުރެވޭނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، މުއްދަތު ހަމަނުވާ ދިވެހި ޕާސްޕޯޓާއި، މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު އަދި މުއްދަތު ހަމަނުވާ ޑްރައިވިން ލައިސަންސް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަތަރު ޑޮކިއުމަންޓުން ކުރެ، ކޮންމެވެސް އެއް ޑޮކިއުމަންޓެއްގެ އަސްލު ގެންނަން ޖެހޭނެ ކަމަށާއި އެ ނޫން އެހެން އެއްވެސް އެއްޗެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އެ ޑޮކިއުމަންޓް ތަކުގެ މުއްދަތު ހަމަވެފައިވާ ނަމަ، އަވަހަށް އާ ކުރުމަށް ހަބީބް އެދިވަޑައިގެންފައި ވެއެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތް މި ސަރުކާރުން ތައާރަފު ކުރީ މިދިޔަ މެއި މަހުގައެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން މިހާރު އެކި ހިދުމަތްތައް ލިބޭއިރު، ހޮސްޕިޓަލުތަކުން ދޭ ހިދުމަތްތައް ހޯދުމަށާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވެސް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރެވެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައި ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.