އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތައް ނޫން އެހެން ހުރިހާ މަގާމެއްގައި ތިބި އެންމެން ވަޒީފާގައި ބައިތިއްބާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ގއ. މާމެންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެހެން ރަށްތަކެކޭ އެއްގޮތަށް މާމެންދޫގެ ރައްޔިތުން އެދުނު ކަންކަމަށް އިޖާބަދެއްވާނެ ކަމަށާއި އެކަންކަން ކޮށްދެއްވުމުގައި ފަރުވާ ކުޑަ ނުކުރައްވާނެ ކަމަށެވެ. އަދި ހާއްސަކޮށް ޓޫރިޒަމްއާ ގުޅުވައިގެން އާމްދަނީ ހޯދަން ކުރަން ހުރި ކަންކަމަކީ ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަންކަން ކަމުގައި ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުމެންދޫ އަކީ މާމެންދޫގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއްގެ ގޮތުގައި ކަންޑައެޅުމަށް ގާނޫނީ ގޮތުން އެކަން އޮތްގޮތް ބަލާ އެކަން ކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފިނަމަ ވަޒީފާތަކުގައި މިހާރު ތިބި މުވައްޒަފުން ވަކިކުރާނެ ކަމަށް ބުނެ ތަކުރާރުކޮށް ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް އެ ވާހަކަ ތަކުރާރު ކުރިޔަސް އޭނާގެ ސިޔާސަތު ވަަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް ތަކުރާރުކޮށް ދަންނަވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ފަހަރުގައި ކުންފުނިތައް ރީ ސްޓްރަކްޗާ ކުރާއިރު އެހެން ކުންފުންޏަކަށް ބަދަލުވި ކަމުގައި ވިޔަސް ރަށުގައި ވަޒީފާގައި ތިބި މުވައްޒަފުން އެ ރަށެއްގައި އެ މުސާރާގައި ނުވަތަ އެއަށް ވުރެ ރަނގަޅު މުސާރައެއްގައި ވަޒީފާގައި ތިބެވޭނެ ކަމަށެވެ. އަދި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބިރުދައްކަން، ކަންބޮޑުވުން އުފައްދަން ދައްކާ ވާހަކައަކީ މިހާރު ހިންގާ މަޝްރޫއުތައް ހުއްޓާލާނެ ވާހަކަ ކަމަށާއި ރައްޔިތުންނަށް ބިރު ދައްކަން އުޅެނީ ކީއްކުރަން ކަމެއް އެއްގޮތަކަށްވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިނގަމުންދާ އެއްވެސް މަޝްރޫއެއް އަދި ނުހިނގިޔަސް ސޮއިކޮށްފައި އޮތް މަޝްރޫއެއް ވިޔަސް އެ ކަމެއް ނުހުއްޓުވާނެ ކަމަށާއި އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ.