ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތައް މާފުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އއ. މަތިވެރީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުން ދުރާލާ ރައްޔިތުން ދަރަނިވެރިކުރުމުގެ ނިޔަތުގަ ތަފާތު އެކިއެކި ނަންނަމުގަ ލޯނުތައް ދެމުން އަންނަ ކަމަށެވެ. މިގޮތުން އެސްއެމްއީ ލޯނުފަދަ ލޯނުތައް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ރައްޔިތުންނަށް ފައިސާ ބަހަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް ކަމަށާއި މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން ކަމަށެވެ.

މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން. އަޅުގަނޑުގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މާއާފުކޮށްދޭނަން
ގާސިމް

ގާސިމް ވިދާޅުވީ، އެއީ އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި ދޫކުރާ ލޯނެއް ކަމަށް ވާތީ ކަމަށާއި އެ ލޯނު ދޫކުރުމުގައި އެއްވެސް އިންސާފެއް ވެސް ނެތް ކަމަށެވެ. އަދި އެލޯނުތަކަކީ ވޯޓު ހޯދުމުގެ ބޭނުމުގައި ހިންގާ ޖަރީމާއެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ވޯޓު ދެއްވާއިރު ރިޔާސީ އިންތިހާބުގެ ރޭހުގައި ތިއްބެވި ބޭފުޅުންނާމެދު ވިސްނައިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

މީގެ ކުރިން ގާސިމް ވަނީ ސްޓޫޑަންޓް ލޯނާއި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވަން ވެސް ވައުދުވެވަޑައިގެންފައެވެ.