ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ދަނިކޮށް މަޑުކުރަން ފުލުހުން އެންގި ނަމަވެސް މަޑުނުކޮށް ދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާކުރި މީހަކު 21،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ގައި ހިނގި މި ހާދިސާގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު/އީގަލްގެ އަލީ ރިމާހުގެ މައްޗަށެވެ. ހުކުމުގައިވާ ގޮތުން ރިމާހު ފުވައްމުލަކު ސިޓީ ނައިބުތުއްތު މަގުން އުތުރުން ދެކުނަށް ގާތްގަނޑަކަށް 50 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާފައި ދަނިކޮށް ފުލުހުންނަށް އޭނާ ފެނިގެން ހުއްޓަން ބުނި ނަމަވެސް ނުހުއްޓާ އޭނާ ވަނީ ގޮސްފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މީހެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާއެވެ. އޭނާއާ ދެކޮޅަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގައި ދައުލަތުން ދައުވާކުރި ނަމަވެސް، އޭނާ ދައުވާއަށް އިއުތިރާފު ވުމުން އަވަސް ނިޔާގެ އަޑުއެހުން ބޭއްވުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ބަދަލުކުރި އެވެ.

އަދި ދައުވާއަށް އިއުތިރާފު ވުމުން ލިބޭ ލުޔާއެކު އޭނާއަށް ކަނޑައެޅެން އޮތީ ތިން މަހާއި 18 ދުވަހުގެ ޖަލުހުކުމަށްވި ނަމަވެސް އެ އަދަދު ޖޫރިމަނާއަށް ބަދަލުކުރަން ދައުވާ ލިބުނު މީހާގެ ފަރާތުން އެދުމުން ޖަލު ހުކުމް 21،600 ރުފިޔާގެ ޖޫރިމަނާ އަކަށް ބަދަލުކޮށް އެ ފައިސާ ތިން މަސް ތެރޭގައި ދެއްކުމަށް ރިމާހުގެ މައްޗަށް ވަނީ ހުކުމް އިއްވާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ބެއްލެވި މި މައްސަލައިގައިވާ ގޮތުން މީގެ ކުރިންވެސް ރިމާހުގެ މައްޗަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ޖޫރިމަނާ ދައްކާ ހަލާސް ކޮށްފައި ވެއެވެ. އަދި އޭނާ ވަނީ ވަޒީފާގައި އުޅޭ ކަމުގެ ލިޔުންވެސް ކޯޓަށް ހުށަހަޅާފައެވެ.