ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭ ސީޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި އަދާލަތު ޕާޓީގެ ކުލަ ކަމަށްވާ ފެހި ކުލަ ބޭނުން ކުރަމުންދަނީ މުއިއްޒަށް ތާއީދުނެތި އުފެދޭ މާޔޫސްކަމުގެ ތެރެއިން ކަމަށް ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ އިއްޔެ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ދެންނެވުމަށް އަދާލަތު ޕާޓީގެ ޓީޝާޓު ލައިގެން ގިނަ އަދަދެއްގެ މީހުން ނިކުމެފައިވަނިކޮށެވެ. އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މީހުންގެ ތެރެއިން ނުވަ މީހުންނަކީ އެ ޕާޓީގެ މެމްބަރުން ނޫން ކަމަށެވެ. އެކަމަކީ، އަދާލަތު ޕާޓީގެ ތާއިދު މުއިއްޒަށް އޮތް ކަމަށް ދައްކަން ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމެއް ކަމަށް ވެސް ބުންޏެވެ.

"އަދާލަތު ޕާޓީގެ ތާއީދު މުއިއްޒަށް އޮތްކަން ދައްކަން އަދާލަތު ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމްއެއް. މި ދަށުދަރަޖައިގެ އަމަލުގައި ޑރ މުއިއްޒާ ބައިވެރިވިކަމަށް ބުނާ 13 މީހުންގެ ތެރެއިން 9 މީހުންނަކީ އަދާަލަތު ޕާޓީގެ މެންބަރުންނެއް ނޫން." އަދާލަތު ޕާޓީން ބުނެފައިވެއެވެ.

މުއިއްޒަށް ތާއީދުކުރަން ނުކުން އަދާލަތުގެ 13 މީހުން ކަމަށް ބުނާ މީހުންގެ ފޮޓޯ، އެ މީހުންގެ ފުރިހަމަ ނަމާއި އެޑްރެހާ އެކު އަދާލަތު ޕާޓީން ވަނީ އާންމުކޮށްފައެވެ.

އެ ޕާޓީން މިހެން ބުނެފައިވާއިރު ރޭ ފުވައްމުލަކުގައި ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުގެ ޖަލްސާގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ހަސަން އަލިދީދީ ވަނީ ބައިވެރިވަޑައިން ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވިގޮތުގައި އަދާލަތު ޕާޓީގެ ގިނަ މެންބަރުންގެ ތާއީދު މިހާރު އޮތީ މުއިއްޒުއަށް ކަމަށެވެ.