އަންހެނެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖެހި ބިދޭސީއަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ލަންކާ ފިރިހަނެއް ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. އޭނާ ބަންދު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްކުރިކަމަށް އެކަށީގެންވާ ހެކި ހުށައެޅިފައި ވާކަމަށެވެ. އޭނާ ބަންދުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބަންދު ކުރި ލަންކާ މީހާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ މީހެކެވެ. އަދި އޭނާވަނީ މި މައްސަލައިގައި ކުރިއަށް ދިއުމަށް ވަކީލަކު ބޭނުންވާ ކަމަށް ބުނެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބިދޭސީން ކުށްކުރާ ނިސްބަތް އިތުރުވެފައި ވާއިރު އެ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދެވޭ ކަމުގެ ކަންބޮޑުވުންތައްވެސް ވަރަށް ގިނައެވެ.