މި އަހަރު އުރީދޫ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ ހަތަރު ސީޓީގައި ބާއްވާ މަސް ރޭހުގެ އެންމެ ފަހުގެ މަންޒިލް ކަމަށްވާ ފުވައްމުލައް ސިޓީގެ ޗެމްޕިއަންކަން "ޓީމް ރީފް ރައިޑާސް" ކާމިޔާބުކޮށް މި އަހަރުގެ އުރީދޫ މަސްރޭސް ނިންމާލައިފިއެވެ.

އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސްއިން ހޯދީ ޖުމްލަ 1326.45 ޕޮއިންޓާ އެކުއެވެ. ފޯރިއާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރަނަރަޕްކަން ހޯދައިފައިވަނީ 335 ޕޮއިންޓާ އެކު ޓީމް ނަގާއި ހާލީއިން ކަމަށްވާއިރު މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ޖުމްލަ 175.8 ޕޮއިންޓާ އެކު މޭރި ބޮލް ޓީމުންނެވެ.

ފުވައްމުލައް ސިޓީގައި ބޭއްވުނު މަސްރޭހުގައި އެންމެ ބަރު މަހެއްގެ ގޮތުގައި 8.05 ކިލޯގެ ރޫބީއެއް ބާނާފައިވާއިރު އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕިއަންކަން ހޯދި ރީފް ރައިޑާސް ޓީމުން އަބްދުﷲ އިބްރާހިމެވެ. މީގެ އިތުރުންވެސް މުބާރާތުގައި ޖުމްލަ 17 މަސް ބާނާ ފުވައްމުލައް ސިޓީގައި ބޭއްވުނު އުރީދޫ މަސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމުވެސް ކާމިޔާބު ކޮށްފައި ވަނީ އަބްދުﷲ އިބްރާހިމެވެ. އަދި މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ މޭރި ބޮލް ޓީމުން ސަފާ އަދްނާނެވެ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައި މި އަހަރުގެ މަސް ރޭސް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު ވަނީ ދީފައެވެ.

މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ

އުރީދޫން ބުނީ، ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަން ކަމަށެވެ. އަދި މި މުބާރާތުގައި ވާދަކޮށް ވަނަތައް ހާސިލް ކުރި ފަރާތްތަކަށް އުރީދޫއިން ވަނީ މަރުހަބާ ކިޔާފައެވެ.