ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އުފައްދައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިއަދު ހެނދުނު މާލޭގައި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ޑްރައިވަރުންގެ ކަނބޮޑުވުންތައް އެއްސެވުމަށް ފަހު ދެއްކެވި ވާހަކައިގައެވެ.
ޓެކްސީ ސެންޓަރުތަކުގެ ވެރިން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި މާލެގައި ޕާކިންއަށް ޖާގަ ނެތުމުން ނަމާދު ކޮށްލަން މިސްކިތަށް އަރާލަން ދާ ކުޑަ ވަގުތު ކޮޅުގައި ވެސް ކާރު ޕާކް ކުރަން ބާއްވާ ތަނެއްގެ ސަބަބުން ސްޓިކާ ޖަހާ މައްސަލައަކީ ބޮޑު މައްސަަލައެއް ކަމަށް ވަނީ ބުނެފައެވެ. އަދި ޓްރެފިކް ވައަލޭޝަންއާ ހެދި ވެހިކަލް ޓޯ ކުރާ މައްސަލައާއި ކާރެއް ގެނެސް ރަޖިސްޓްރީ ކުރުމުގައި ހުރި ދަތިތަކާއި، އަމިއްލަ ކާރެއް ޓެކްސީ އަކަށް ބަދަލު ކުރާ އިރު ހުރި ގޮންޖެހުންތަކުގެ ވާހަކަތަކާއި ޓްެކްސީ ޑްރައިވަރުންނަށް ގެދޮރުވެރިކަން ލިބޭނެ ފަދަ ގޮތެއް ހަމަޖައްސައި ދިނުމަށް ޑްރައިވަރުން ވަނީ އެދިފައެވެ.
މި ޝަކުވާތަކާއި ޑްރައިވަރުންގެ ޑިމާންޑްތައް އަޑުއެއްސެވުމަށް ފަހު މުއިއްޒު ވާހަކަ ދައްކަވަމުން ވިދާޅުވީ، މާލޭގައި ކާރޫބާރު ބޮޑުވެ ޕާކިން މައްސަލައަށް ހައްލު ހޯއްދެވުމަށް މާލެ ސިތީގެ މޭޔަރުގެ ހައިސިއްޔަތުން ވެސް ގިން މަސައްކަތްތަކެއް ކޮށްދެއްވަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެ މަސައްކަތަށް މި ސަރުކާރުން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. ނަމަވެސް އޭނައަށް ވެރިކަން ލިބިވަަޑައިގެންފި ނަމަ މާލެއާއި ހުޅުމާލޭގައި ޕާކިންއަށް އިމާރާތްތައް ހަދައި އެފަދަ ބިލްޑިންތަކުގައި ކޮންމެ މީހަކަށް ވެސް ޕާކިން ސްލޮޓެއް ހާއްސަކޮށް އެމީހަކަށް އެ ސްލޮޓް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއާއެކު ކާރުގެ ގަރާޖުގެ ހުއްދަ ވެސް އެތަނުން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންނަކީ ވަޒިފާއެއްގެ ގޮތުގައި ހިދުމަތް ދޭ ދެ ދާއިރާ ނޫން ކަމަށް ވުމުން މަސްވެރިންނަށް ދަފްތަރެއް ހައްދަވަައި ދެއްވާނެ ކަމަށް ވިދާޅުވި ފަދައިން ޓެކްސީ ޑްރައިވަރުންނަށް ވެސް ދަފްތަރެއް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭރުން ބޭންކުން ލޯން ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެހިގެން ދާނެ ކަމަށާއި އިންޝުއަރަންސް ސްކީމްތަކުގައި ވެސް ބައިވެރިވެ ޑްރައިވަރުންނަށް ވެސް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ލިބޭ ފަދަ ހިދުމަތްތައް ހޯދުމުގައި އޮތް ހުރަސްތައް ނައްތާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޑްރައިވަރުންނަށް ހަދާ ދަފްތަރާއެކު މުއިއްޒުގެ މެނިފެސްޓޯގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން ހައުސިން ސްކީމްގައި ޑްރައިވަރުންގެ ކެޓަގަރީއެއްވެސް އުފައްދާ ވަކި އަދަދަކަށް ޑްރައިވަރުންނަށް ހައުސިން ލިބޭނެ ގޮތްތައް ފަހިވާނެ ގޮތަށް ކަންކަން ހަމަޖެއްސަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.