މަޑަގަސްކަރައިގައި ރޭ ފެށުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމުގެ ރަސްމިއްޔާތަށް ދަނޑަށް ވަންނަން އުޅުނު މީހުންތަކެއް ފިތި ބާރުވެގެން 12 މީހަކު މަރުވެއްޖެއެވެ. ރާއްޖެއިން ވެސް ބައިވެރިވާ އައިއޯއައިޖީ ގޭމްސްގެ އޯޕަނިން ސެރެމަނީ ރޭ މަޑަގަސްކަރައިގެ ނެޝަނަލް ސްޓޭޑިއަމް މަހަމަސިނާގައި ބާއްވާފައި ވާއިރު ގިނަ ބަޔަކު ވަނީ ސްޓޭޑިއަމް އަށް ވަދެފައެވެ.

41،000 މީހުންގެ ޖާގައިގެ މި ސްޑޭޑިއަމަށް ވަންނަން ގިނަބަޔަކު އެއްފަރަހާ ދިމާ ކުރުމުން ހިނގި އެ ހާދިސާފައި ފިތި ބާރުވެގެން 12 މީހަކު މަރުވި އިރު 80 މީހަކަށް އެކިވަރުގެ އަނިޔާތަށް ލިބިގެން ފަރުވާ ދީފައި ވެސް ވެއެވެ.

ރޭގެ އޯޕަނިން ސެރެމަނީގައި އެގައުމުގެ ރައީސް އެންޑްރީ ރަޖޯލީނާވެސް ހުންނެވި އިރު އޭނާ ވިދާޅުވެފައި ވަނީ ހިނގާދިޔައީ ހިތާމެވެރި ހާދިސާއެއް ކަމަށާއި އެކަން ބައްލަވާނެ ކަމަށެވެ. އަދި ރޭ ވަނީ އެކަމުގެ ހިތާމައިގައި އެއްމިނެޓްގެ ސްކޫތެއްވެސް ގެނެސްފައެވެ.

މަޑަގަސްކަރަ ސްޓޭޑިއަމްގައި އޮތް އައިއޯއައިޖީ ގޭމްސްއަށް ވަންނަން އުޅުމުގެ ތެރޭގައި މަރުވި މީހަކު އޮފިޝަލުން ގެންދަނީ

ރޭ ސްޓޭޑިއަމްގައި ހަރަކާތްތެރިވި ރެޑް ކްރޮސްގެ އޮފިޝަލުން ބުނީ، ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސްޓޭޑިއަމްގެ ދޮރުމައްޗަށް ޖަމާވި ކަމަށާއި، ފިތިހެން އަނިޔާވި ބައެއް މީހުން އެސަރަހައްދުގެ އަރިއަރި މަތީގައި ވެއްޓިފައިވެސް ތިބި ކަމަށެވެ. އަދި އަނެއް ބަޔަކު ވަރުބަލިވެ ނޭވާލާން ދަތިވެގެން އިށީނދެ ތިބިކަމަށް ވެސް ބުނެއެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިެރިވާ އެއްވެސް އެތްލީޓަކަށް އަދި ދިވެއްސަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އައިއޯއައިޖީގެ ދިވެހި އޮފިޝަލަކު 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ދެއްވާފައެވެ. މިހާދިސާ ހިނގާގައި ވަނީ، މުބާރާތުގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓްގެ އިވެންޓްތައް މިއަދު އޮތުމާއެކު ރޭ ދަނޑުން ނުކުތް ފަހުންނެވެ.

1977 ގައި އުފަންވި އައިއޯއަޖީ އަކީ ތަފާތު އެކި ދާއިރާތުން ގިނަ ކުޅިވަރުތައް ހިމަނާގެން ދެސިންޖުގެ ކުޅުންތެރިންނަށް ވެސް ވާދަކުރެވޭގޮތަށް އިންތިޒާމް ކޮށް ހިންގާ، މުބާރާތެކެވެ. ކޮންމެ 4 އަހަރަކުން 1 އަހަރު ބާއްވަ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ވޮލީ، ބާސްކެޓް، އެތްލެޓިކްސް، ޓީޓީ، ބެޑްމިންޓަން، ޓެނިސް އާއި އިތުރު ކުޅިވަރުތައް ހިމެނޭހެން އޮފިޝަލުންނާއެކު ޖުމްލަ 276 މީހުން ބައިވެރިވެއެވެ.

މަޑަގަސްކަރަ ސްޓޭޑިއަމްގައި އޮތް އައިއޯއައިޖީ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަބަރުތައް ބުނާގޮތުން މިހާދިސާ ހިނގި އިރު ދަނޑަށް ވަނުމަށްޓަކައި 50،000 އަށް ވުރެ ގިނަ މީހުން ޖަމާވިއެވެ.

ރާއްޖޭގެ އިތުރުން، ކޮމޯރޯސް، މަޑަގަސްކަރަ، މޮރިޝަސް، ސީޝެލްސް، މަޔޯޓީގެ އަދި ރިޔޫނިއަން އިން މިފަހަރުގެ އިވެންޓް ތަކުގައި ވާދަކުރެއެވެ.

މީގެ ކުރިން 2016 ވަނަ އަހަރުވެސް މި ސްޓޭޑިއަމްގައި އޮތް މަޑަގަސްކަރަ ގައުމީ ދުވަހުގެ އިހުތިފާލުތަކަށް ވަންނަން އުޅުނު މީހުންނާ ކައިރި ސަރަހައްދެއްގައި އަތުބޮމެއް ގޮވައި 2 މީހަކު މަރުވެ 80 މީހަކު ޒަހަމްވެފައި ވެއެވެ. އަދި 2018 ގައި ވެސް މި ސްޓޭޑިއަމްގައި ކުޅުނު މަޑަގަސްކަރަ – ސެނެގާލް ގެ ފްޓުބޯޅަ މެޗެއް ބަލަން ވަންނަން އުޅުނު މީހުންގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގައި 1 މަރުވެ 40 މީހަކު ޒަހަމްވެފައި ވެއެވެ. ހަމަ 2019 ވަނަ އަހަރުވެސް މިފަދަ ހާދިސާއެއްގައި 15 މީހަކު މަރުވެފައި ވެއެވެ.

އަދި މީގެ 2 އަހަރު ކުރިން، 2021 ގައި ވެސް މި ސްޓޭޑިއަމްގެ ބޭރުގައި އަތުބޮމެއް ގޮވައި ތުއްތު ކުއްޖަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ހާދިސާއެއް ވެސް ހިނގާފައި ވެއެވެ.