އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވެ 15 މެޑަލާއެކު ރާއްޖެ ހެއްވާލި ކުޅުންތެރިން އެނބުރި އަތުވެއްޖެއެވެ.
ރާއްޖޭގެ ޓީމަށް އިއްޒުއްދީން ފާލަން ސަރަހައްދުން ހޫނު މަރުހަބާއެއް ކިއުމަށް ވަނީ ގިނަ އަދަދެއްގެ ބައަކު ޖަމާވެފައެވެ. ގައުމީ ދިދައިގެ ކުލަތައްކަމަށްވާ ރަތާއި ފެއްސާއި ހުދު ހިމެނޭ ކުލަތަކުން އެ ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ. އެތަނަށް އެއްވެފައިވާ މީހުންވެސް ވަނީ މި ކުލަތަކުން ހެދުން އަޅާފައެވެ. ގައުމީ ދިދަ ހިފައިގެން ގިނަ އަދަދެއްގެ ސްކޫލް ކުދިންވެސް އެ ސަރަހައްދަށް އެއްވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ޓީމް މާލެ އައިސް ފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މޯލްޑިވިއަންގެ ފްލައިޓުގައި ކުޅުންތެރިން ގޮވައިގެން އައި އިރު މޯލްޑިވިއަނުން ވަނީ ކުޅުންތެރިންނަށް ފްލައިޓުތެރޭގައި މަރުހަބާ ކިއުމަށް ކޭކެއް ފަޅާފައެވެ. ކޭކުގައި ދިވެހި ޓީމްއާ މެދު ފަހުރުވެރިވާ ކަމަށް ލިޔެފައި ވެއެވެ.
އައިއޯއައިޖީގައި މިފަހަރު މިއީ ރާއްޖެއަށް ތާރީހީ ފަހަރެކެވެ. ރާއްޖެއިން ވަނީ ގޭމްސް ހޯސްޓްކުރާ ގައުމު މޮރިޝަސް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކުރިމަތީގައި އެމީހުން ބަލިކޮށް ރާއްޖެއަށް ރަން މެޑަލްތައް ހޯދައިދީފައެވެ. މި މުބާރާތުން ރާއްޖެ ވަނީ 15 މެޑަލް ހޯދާފައެވެ. ރާއްޖޭގެ ޓީމު މިފަހަރު އައިއޯއައިޖީއަށް ފުރީވެސް 15 މެޑަލްގެ ޓާގެޓާ އެކުއެވެ.
މިހާތަނަށް ބައިނަލް އަގުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކާ އެކު ޖުމްލަ 15 މެޑަލް ރައްޖޭގެ އެތްލީޓުން ހޯދިފައިވާ އިރު، އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގައުމީ އަންހެން ޓީޓީ ކުޅުންތެރިންނާއި ބެޑްމިންޓަން ޓީމުން މިފަހަރުގެ ގޭމްސްގައި ހޯދި ބޮޑު ކާމިޔާބީއެވެ.
ރާއްޖެއިން މެޑަލް ހޯދި ކުޅިވަރުތަކުގެ ތެރޭގައި، ޓޭބަލް ޓެނިސް (ޓީޓީ) އާއި ބެޑްމިންޓަނުން ރާއްޖެ ވަނީ ރަން މެޑަލް ހޯދާފައެެވެ. ރާއްޖެއިން މިފަހަރު ހަތަރު ރަން މެޑަލް ހޯދާފައިވާއިރު، އެއީ ޓީޓީ ސިންގަލް އަދި ޑަބަލްގެ އިތުރުން ޓީޓީ ޓީމު އިވެންޓުން ހޯދި ތިން ރަން މެޑަލް އާއި ބެޑްމިންޓަން ސިންގަލްސްއިން ނަބީހާ ހޯދި ރަން މެޑަލްއެވެ.
އައިއޯއައިޖީ 2023 ވަނަ އަހަރު ބާއްވާނެ ގައުމަކަށް ރާއްޖެވަނީ ހޮވާފައެވެ. 2023 ވަނަ އަހަރު މިމުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައި ވާއިރު، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ވެގެން ދާނެއެވެ.