މިއަދު މޯލްޑިވިއަންގެ ފްލައިޓުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވި ކުޅުންތެރިން ރާއްޖެއަށް އެނބުރި އައުމުން އެ ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކުޅުންތެރިން ރާއްޖެއަށް އައިސްފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އިއްޒުއްދީން ފާލަމަށް މެޑަލިސްޓުން އައުމާއެކު މަލުގެ ގުލްދަސްތާއިން އެ ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. މަލުގެ ގުލްދަސްތާ ތަކާއެކު ފާލަމުން ޖުމްހޫރީ މައިދާނަށް ކުޅުންތެރިން ދިޔައީ ރަތްދޫލައިގައި ހިނގާފައެވެ. މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

އައިއޯއައިޖީ ގޭމްސްގެ ކުޅުންތެރިންނަށް މަރުހަބާ ކިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުމްހޫރީ މައިދާނުގައި / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

ކުޅުންތެރިންނަށް މަރުހަބާ ކިއުމަށްޓަކައި އެމްއެންޑީއެފުން ވަނީ ބަޑީގެ ސަލާމެއް ދީފައެވެ. އަދި އެއަށްފަހު ޖަމާލުއްދީން ސްކޫލްގެ ދަރިވަރުން ވަނީ ސަގާފީ އައިޓަމެއްވެސް ހުށަހަޅާފައެވެ. މި އައިޓަމަށްފަހު އައިއޯއައިޖީގައި ބައިވެރިވި ކޮންޓެސްޓަންޓުންނާ ރައީށް ސަލާމް ކުރެއްވެވިއެވެ.

2023 ވަނަ އަހަރު އޮންނަ އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު ރާއްޖެއިން ދިދައާ ހަވާލުވެފައިވަނީ މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހްލޫފެވެ. މިއަދު ޖުމްހޫރީ މައިދާނުގައި ކުރިއަށް ދިޔަ ހަފްލާގެ ތެރޭގައި މަހްލޫފް ވަނީ އެ ދިދަ ރައީސް ސޯލިހަށް އަރުއްވާފައެވެ.

އައިއޯއައިޖީ ގޭމްސްގެ ކުޅުންތެރިންނަށް މަރުހަބާ ކިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ޖުމްހޫރީ މައިދާނުގައި / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

ޖުމްހޫރީ މައިދާނަށް ގިނަ އަދަދެއްގެ އާންމުން ކުޅުންތެރިންނަށް މަރުހަބާ ކިއުމަށް އައިސްފައި ވެއެވެ. ގައުމީ ދިދައިގެ ކުލަތައްކަމަށްވާ ރަތާއި ފެއްސާއި ހުދު ހިމެނޭ ކުލަތަކުން އެ ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ. އެތަނަށް އެއްވެފައިވާ މީހުންވެސް ވަނީ އެ ކުލަތައް ހިމެނޭ ހެދުން ލާފައިކަން ފާހަގަކޮށްލެވެއެވެ.

ޓީމަށް މަރުހަބާ ކިއުމަށް ރައީސްގެ ދެކަނަބަލުންގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އަނބިކަނބަަލުން ނަސްރީނާ އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން ޓުއަރިޒަމް މިނިސްޓާ އަލީ ވަހީދާއި، ޑިފެންސް މިނިސްޓާ މާރީޔާ އަހުމަދު ދީދީއާއި، މިނިސްޓާ އޮފް ހެރިޓޭޖް ޔުމްނާ މައުމޫންއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އަދިވެސް ކެބިނެޓްގެ އެހެން ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ހިމެނެއެވެ.

އައިއޯއައިޖީ ގޭމްސްގެ މެޑަލިސްޓުން / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

މިހާތަނަށް ބައިނަލް އަގުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކާ އެކު ޖުމްލަ 15 މެޑަލް ރައްޖޭގެ އެތްލީޓުން ހޯދިފައިވާ އިރު، އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގައުމީ އަންހެން ޓީޓީ ކުޅުންތެރިންނާއި ބެޑްމިންޓަން ޓީމުން މިފަހަރުގެ ގޭމްސްގައި ހޯދި ބޮޑު ކާމިޔާބީއެވެ.

ރާއްޖެއިން މެޑަލް ހޯދި ކުޅިވަރުތަކުގެ ތެރޭގައި، ޓޭބަލް ޓެނިސް (ޓީޓީ) އާއި ބެޑްމިންޓަނުން ރާއްޖެ ވަނީ ރަން މެޑަލް ހޯދާފައެެވެ. ރާއްޖެއިން މިފަހަރު ހަތަރު ރަން މެޑަލް ހޯދާފައިވާއިރު، އެއީ ޓީޓީ ސިންގަލް އަދި ޑަބަލްގެ އިތުރުން ޓީޓީ ޓީމު އިވެންޓުން ހޯދި ތިން ރަން މެޑަލް އާއި ބެޑްމިންޓަން ސިންގަލްސްއިން ނަބީހާ ހޯދި ރަން މެޑަލްއެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ބާއްވާނެ ގައުމަކަށް ރާއްޖެވަނީ ހޮވާފައެވެ. 2023 ވަނަ އަހަރު މިމުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައި ވާއިރު، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ވެގެން ދާނެއެވެ.