އިންޑިއަން އޯޝަން އައިލެންޑު ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ފަހުރުވެރި ވަނަތައް ހޯދައިދިން ދިވެހި ޓީމު ބަލާ މޯލްޑިވިއަންގެ ފްލައިޓް މޮރިޝަސްއަށް ފުރައިފިއެވެ.

މޯލްޑިވިއަން އިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި، ރާއްޖެއަށް ފަހުރުވެރި ކާމިޔާބީ ހޯދައިދިން އައިއޯއައިޖީގެ ޓީމް ބަލާ މޮރިޝަސްއަށް ފުރި ކަމަށް ބުނެފައިވެއެވެ. މޯލްޑިވިއަނުން ކުރި ޓްވީޓްގައި، މޮރިޝަސްއަށް ފުރި ފްލައިޓްގެ ކްރޫއިން ތިބީ، އެމީހުންގެ ޔުނިފޯމްގެ ބަދަލުގައި ގައުމީ ޓީމުގެ ޖާޒީގައި ޒީނަތްތެރި ވެގެންނެވެ. އަދި ފްލައިޓްގެ ބޭރުގައި، އައިއޯއައިޖީގެ ޓީމުން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާ "ކޮންގްރެޖުލޭޝަންސް ޓީމް" ލިޔެފައިވެއެވެ.

މި މުބާރާތުން ރާއްޖެ ވަނީ 15 މެޑަލް ހޯދާފައެވެ. ރާއްޖޭގެ ޓީމު މިފަހަރު އައިއޯއައިޖީއަށް ފުރީވެސް 15 މެޑަލްގެ ޓާގެޓާ އެކުއެވެ. އެ ޓާގެޓު ހަމަވި އިރު ބެޑްމިންޓަނާއި ޓީޓީން ރާއްޖެވަނީ އައިއޯއައިޖީގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރޭގައި ވިދާލާފައެެވެ.

ރާއްޖެއިން މެޑަލް ހޯދި ކުޅިވަރުތަކުގެ ތެރޭގައި، ޓޭބަލް ޓެނިސް (ޓީޓީ) އާއި ބެޑްމިންޓަނުން ރާއްޖެ ވަނީ ރަން މެޑަލް ހޯދާފައެެވެ. ރާއްޖެއިން މިފަހަރު ހަތަރު ރަން މެޑަލް ހޯދާފައިވާއިރު، އެއީ ޓީޓީ ސިންގަލް އަދި ޑަބަލްގެ އިތުރުން ޓީޓީ ޓީމު އިވެންޓުން ހޯދި ތިން ރަން މެޑަލް އާއި ބެޑްމިންޓަން ސިންގަލްސްއިން ނަބީހާ ހޯދި ރަން މެޑަލްއެވެ.

ރާއްޖޭގެ ޓީމަށް ރަސްމީ ފާލަން ސަރަހައްދުން ހޫނު މަރުހަބާއެއް ކިއުމަށް ތައްޔާރުވަމުން އަންނަ އިރު ޓީމަށް ރާއްޖެ އާދެވޭނީ މިއަދު ހަވީރުއެވެ.